ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ނިޒާމު ހަރުދަނާކޮށް، ޑިޖިޓަލް މާހައުލުގައި ދިވެހި ރައްޔިތުންނަށް އޮތް ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލާފައިވާ "ސައިބަރ ސެކިއުރިޓީގެ ބިލު" އަށް އާންމުންގެ ޚިޔާލު ހޯދުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން ދިރާސާކުރަމުންދާ މި ބިލަކީ، މިހާރުގެ ސަރުކާރުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގާ ވައްކަމުގެ އަމަލުތަކާއި، އޮންލައިންކޮށް ބުލީކުރުމާއި، އަދި މި ނޫންވެސް ސައިބަރ މާހައުލުގައި ހިންގާ ނޭއްގާނީ އެކި ކަންކަން ހުއްޓުވުމަށްޓަކައި ހުށަހަޅާފައިވާ މުހިންމު ބިލެކެވެ.

މި ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ އިތުރު ކޮމެންޓެއް އޮތްނަމަ، އެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ފަރާތެއްގެ ޚިޔާލު ނުވަތަ ކޮމެންޓު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ސުންގަޑިއަކީ 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

މި ބިލަށް ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ކޮމިޓީގެ ރަސްމީ އީމެއިލް އެޑްރެހަށް އީމެއިލް މެދުވެރިކޮށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ސިޓީއަކުން ލިޔުމުން ފޮނުއްވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.

މި ބިލަކީ ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެކުލަވާލެވޭ ވަރަށް މުހިންމު ބިލެކެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވެސް ވަނީ މިފަދަ މުހިންމު ބިލްތައް ދިރާސާކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު