ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މުޙައްރަމު މަހުގެ ދިހަވަނަ ދުވަހަކީ ނުވަތަ ޢާޝޫރާ ދުވަހަކީ ހެޔޮކަމާއި، މާތްކަމާއި، ޢިބުރަތްތަކުން ފުރިގެންވާ ދުވަހެއްކަން ބަޔާންކޮށް، އެ ދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ޚުތުބާގައި ދިވެހިރާއްޖޭގެ އެންމެހައި މުސްލިމުންނަށް އިލްތިމާސް ކޮށްފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބަޔާންކޮށްފައިވަނީ، ޢާޝޫރާ ދުވަހަކީ ތާރީޚީ ގޮތުން ނުހަނު މުހިންމު ހާދިސާއެއް ހިނގާފައިވާ ދުވަހެއް ކަމަށެވެ. އެއީ މޫސާގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން، އަނިޔާވެރި ފިރުޢައުނުގެ ކިބައިން މާތް الله ސަލާމަތްކޮށްދެއްވި ދުވަހެވެ. އަދި ފިރުޢައުނާއި އޭނާގެ ބޮޑު ލަޝްކަރު ކަނޑަށް ޣަރަޤުކުރެއްވީ ވެސް ހަމަ މި ދުވަހުއެވެ. މޫސާގެފާނަށް ތަބާވީ މީހުން އެކަލާނގެއަށް ޝުކުރުވެރިވުމުގެ ގޮތުން އެ ދުވަހު ރޯދަހިފިކަން ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ބުނީ، މިފަދަ ހާދިސާތަކުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ މުޞީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމަށެވެ. އަދި މާތް اللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް އެކަލާނގެ ގަދަފަދަ ޢަޛާބު ދެއްވާނެކަން ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

މުޙައްރަމު މަހުގެ މާތްކަމަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، މިއީ الله ޙުރުމަތްތެރިކުރައްވާފައިވާ ހަތަރު މަހުގެ ތެރެއިން މަހެއް ކަމަށެވެ. ޢާޝޫރާ ދުވަހުގެ ރޯދައާ ގުޅޭގޮތުން ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅުތަކަށް ރިޢާޔަތްކޮށް ޚުތުބާގައި ބުނީ، އެ ދުވަހު ރޯދަހިފުމަކީ ވޭތުވެދިޔަ އަހަރުގެ ކުދި ފާފަތައް ފުއްސަވައިދެއްވާނެ ކަމެއް ކަމަށެވެ. އަދި ސުންނަތާ އެއްގޮތަށް ރޯދަހިފުމުގައި ޔަހޫދީންނާ ޚިލާފުވުމަށްޓަކައި، ދިހަވަނަ ދުވަހުގެ ކުރިއަށް ދުވަހެއް ނުވަތަ ފަހަށް ދުވަހެއް އިތުރުކުރުމަށް އިރުޝާދު ދެއްވިއެވެ.

ޚުތުބާގައި އިތުރަށް ބަޔާންކުރީ، ޢާޝޫރާ ދުވަހާ ގުޅުވައިގެން ދީނުގައި ނެތް ބިދުޢަތަކާއި، ހިތާމަ ފާޅުކުރުމުގެ ގޮތުން ކުރާ ޝަރުޢީ އުޞޫލުތަކާ ޚިލާފު ކަންކަމުން ދުރުހެލިވުމަށެވެ. ބައެއް މީޑިއާތަކުގެ ޒަރީޢާއިން މުސްލިމް މުޖުތަމަޢުތަކަށް ފޭދިފައިވާ މިފަދަ ނުރަނގަޅު ފިކުރުތަކަށް ސަމާލުވުމަށް ގޮވާލަމުން ޚުތުބާ ނިންމާލާފައިވަނީ، މާތް اللهއަށް ބިރުވެތިވެ، އެކަލާނގެ ޙަޟުރަތުގައި ޖަވާބުދާރީވާންޖެހޭނޭ ދުވަހަށް ތައްޔާރުވުމަށް ހަނދާންކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު