އިސްމާއިލް ޒަރިޔަންދު
އިސްމާއިލް ޒަރިޔަންދު
ރާއްޖޭގެ ދަރަނީގެ ހާލަތާ ގުޅޭގޮތުން މާލީ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޕީއެންއެފް ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ، ދައުލަތުގެ ދަރަނީގެ ހިސާބުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮޅުންތަކެއް އަރާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ޒަރިޔަންދު ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން، 1978 ވަނަ އަހަރު ރާއްޖޭގެ ދަރަނި ހުރީ 4 މިލިއަން ޑޮލަރުގައެވެ. ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު ދަރަނި 110 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މި ސަރުކާރުގެ މިހާރުގެ ހިސާބުތައް ދައްކާ ގޮތުން ދަރަނި ވަނީ 158 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އަދި މި އަހަރު ނިމޭއިރު މި އަދަދު 167 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ދާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

މީގެ އިތުރުން، މާލީ ރެކޯޑުތައް އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވައި ޒަރިޔަންދު ވިދާޅުވީ، 2023 ވަނަ އަހަރު މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުތަކުގެ ސަބަބުން ދަރަނި ދެއްކުމަށް ވެސް ދަރަނި ނެގޭނެ މަގުފަހިވެފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ގެންދަވަނީ ދަރަނި ދެއްކުމަށް އަލުން ދަރަނި ނަންގަވަމުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ގައުމުގެ މާލީ ހާލަތު އިތުރަށް ގޯސްވެ، ދަރަނީގެ މާނަކުރުންތަކަށް ވެސް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު