މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ޑެޕިއުޓީ ސީއީއޯ) ގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެމްޕީއެލްގެ އިސް މަގާމަކުން ވަކިވެވަޑައިގެންފައިވާކަން ޒިޔަތު ވަނީ ބައެއް އޮންލައިން ނޫސްތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ސީދާ ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ މާޗު މަހުގެ ތެރޭގައި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަނުކުރެއްވި ޒިޔަތު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ނިމިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން، އެމްޕީއެލްގެ ބޯޑު މެންބަރެއްގެ ގޮތުގައި ވެސް ޒިޔަތު ކުރިން ވަނީ މަސައްކަތް ކުރައްވާފައެވެ.

ނަމަވެސް، މެއި 1 ގައި އެމްޕީއެލްގެ ބޯޑުން ޒިޔަތު ވަކިކޮށް، އެމްއޭސީއެލް ޑެޕިއުޓީ ސީއީއޯގެ މަގާމަށް އެންމެ ފަހުން އައްޔަންކުރި މުހައްމަދު ލަމްއާނަށް ވަނީ އެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަން ދީފައެވެ.

އިބްރާހިމް ޒިޔަތަކީ މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޭނާ އަދާކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު