އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖޭގެ ގިނަ ރަށްތަކެއްގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަވަސް ޙައްލެއް ހޯދުމުގެ ގޮތުން، "އިމާމްކަމުގެ އާންމު އިމްތިޙާނެއް" ތަޢާރަފްކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި، މިވަގުތު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މިސްކިތްތަކުގައި ތިބީ ވަގުތީ އިމާމުންނެވެ. މި މައްސަލަ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިސްކިތްތަކުގެ އަދަދު އިތުރުވުމާއި، އިމާމުކަމުގެ ވަޒީފާ އަދާކުރެވޭ ފެންވަރުގެ ޢިލްމީ ގާބިލުކަން ހުރި މީހުން ބައެއް ރަށްރަށުގައި މަދުވުން ހިމެނެއެވެ.

މި މައްސަލައަށް ދާއިމީ އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށްޓަކައި ސަރުކާރުން މިހާރު ވަނީ އާ މުޤައްރަރެއްގެ ދަށުން މަސައްކަތްތަކެއް ރާވާފައެވެ. އެގޮތުން، ސާނަވީ ތަޢުލީމު ނިންމާ (އޯލެވެލް) ދަރިވަރުންގެ ތެރެއިން މި ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަކީ މިނިސްޓްރީގެ ބޮޑު އަމާޒެކެވެ. މީގެ އިތުރުން، އިމާމުކަމުގެ ރަސްމީ ކޯހެއް ފުރިހަމަކޮށްފައި ނެތް ކަމުގައިވިޔަސް، އެ މަޤާމަށް ބޭނުންވާ ދީނީ ޢިލްމާއި ހުނަރު ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، އަލަށް ތަޢާރަފްކުރާ މި އުޞޫލުގެ ދަށުން ކޮންމެ އަހަރަކުވެސް އިމާމުކަމުގެ އާންމު އިމްތިޙާނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނުން ފާސްވާ ފަރާތްތަކަށް އިމާމުކަން ކުރުމުގެ ރަސްމީ ހުއްދައެއް ދޫކުރުމާ ގުޅޭގޮތުން މިހާރު ދަނީ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރެވެމުންނެވެ.

މި އުޞޫލުގެ ދަށުން ޢަމަލުކުރާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު، ކުރިއަށްދާ މަޝްވަރާތަކަށްފަހު ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު