ސިވިލް ސަރވިސްގެ މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކޮށްފިނަމަ އެކަން 24 ގަޑިއިރުތެރޭގައި ސިވިލް ސަރވިސްއަށް އަންގަންޖެހޭނެކަމަށް އެކޮމިޝަނުން ސަރުކާރުގެ އޮފީސްތަކަށް އަންގައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 258 ވަނަ މާއްދާގެ (ނ) ގައިވާ ޙާލަތްތަކުގައި މުވައްޒަފެއް އޮފީހަށް ނުކުތުން މަނާކުރިކަން 24 ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް، އެ ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، ބައެއް އިދާރާތަކުން އެފަދައިން ޢަމަލުކުރަމުން ނުދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެހެންކަމުން ކުރިއަށްއޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ހުރިހާ އިދާރާއަކުން ވެސް ޢަމަލުކުރެއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ބަޔާނުގައި އަންގާފައި ވެއެވެ. އަދި މުވައްޒަފު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފި ނަމަ، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 261 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކޮށް، އެ ކަން ވެސް ލަސްނުކޮށް އެ ކޮމިޝަނަށް އެންގެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ސީއެސްސީގެ ބަޔާނުގައިވެއެވެ.

ސީއެސްސީގެ ބަޔާނުގައި މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކުރިކަން އަންގާ ލިޔުން އެކޮމިޝަނަށް ފޮނުވުމުގައި އިދާރާއިން އިހުމާލުވާ މުވައްޒަފުންނާމެދު އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އިދާރާތަކުން ގަވާއިދުން އަޅުއްވަމުން ގެންދިއުމަށްވެސް ސީއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން