ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި "ޤައުމުގެ ދުލުން" ނަމުގައި ޤައުމީ ލަވަ ކިޔުމުގެ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން ދާކަމަށް މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓަރުން ހާމަކޮށްފިއެވެ.



މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން "ޤައުމުގެ ދުލުން" ނަމުގައި ބާއްވާ މިމުބާރާތުގެ މަޤްޞަދަކީ ޤައުމީ ޝިޢާރު ފާޅުކުރުމާއި ޤައުމިއްޔަތުގެ އިޙުސާސް ކޮށްދޭ ލަވަތަކެއް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން ކަމުގައި އެމް.އެމް. އޭ. ސީ އިން ހާމަކޮށްފައިވެއެވެ. ހަ އުމުރުފުރައަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ އުމުރު ފުރާތައް ބެހިފައިވަނީ 8 އަހަރުން ދަށާއި، 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުންދަށާއި 18 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާ ތަކަށެވެ.

އެމް އެމް އޭ ސީގެ ޗެއަރމަން ޢަލީ ޢަބްދުލް ކަރީމް ވިދާޅުވިގޮތުގައި މި މުބާރާތް ވެގެންދާނީ ބެލުންތެރިން ވަރަށް ޝައުޤުވެރިވާ ލަވަތަކެއް ހިމެނޭ، ވަރަށް ވާދަވެރި މާހައުލެއްގައި އުމުރު ފުރާތަކުގެ މެދުގައި ވާދަކުރެވޭގޮތަށް، ބޭއްވޭ މުބާރާތަކަށެވެ. ޢަލީ ވިދާޅުވީ "ޤައުމުގެ ދުލުން" މިމުބާރާތް ވެގެންދާނީ މެދު ކެނޑިފައިވާ ޤައުމީ ލަވަމުބާރާތް ބާއްވާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި މިފަދަ މުބާރާތެއްގައި ބައިވެރިވާ ހިތްވެފައި ތިބި، އެތައް ބަޔެއްގެ އުއްމީދާ ގުޅިފައިވާ މުބާރާތަކަށެވެ. މި މުބާރާތުގެ އެންމެފަހުގެ މަޢުލޫމާތު އެމްއެމްއޭސީގެ ފޭސްބުކު ޕޭޖުން ނާއި އެމްއެމްއޭސީއަށް ގުޅުއްވުމުން ލިބޭނެއެވެ.

"މި މުބާރާތުގެ ކޮންމެ ލަވައެއްވެސް ޝަރަޙަ ކުރެވި މާނައާއި މެސެޖުން ޤައުމީ ޖޯޝާއި ރޫހު އާލާވެގެންދިއުން ވަރަށް މުހިންމު. ލަވަ ވާން ޖެހޭނީ މިމަޤްޞަދުގައި މިމުބާރާތަށް ޚާއްޞަކޮށްގެން ހެދިފައިވާ ލަވައަކަށް . ކޮންމެ ލަވައަކުންވެސް ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކޮށްދޭ ފަހި މެސެޖްތަކެއް ދޭންވާނެ. މުބާރާތުގެ މައިގަނޑު މަޢުޟޫއާ ތަޢާރަޒުވާ އެއްވެސް ކަމެއް ނުހިމެނޭނެ." އަލީ ވިދާޅުވިއެވެ.

އެމް އެމް އޭ ސީން ބުނީ މިމުބާރާތަކީ ވަރަށް ފޯރިގަދަ މުބާރާތެއް ކަމަށް ބެލެވޭކަމަށެވެ. އަދި ބައިވެރިވާން އެދޭ ކުދިންގެ އޮޑިޝަން ކުރިޔަށްދަނީ އެމް އެމް އޭ ސީ ގައެވެ. މިމުބާރާތް ހުޅުވާލާފައިވަނީ އަތޮޅުތެރެއިން ވެސް ބައިވެރިވެވޭ ގޮތަށެވެ. އަތޮޅުތެރެއިން ވާޗުއަލް ކޮށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމުން ގިނަ ބަޔަކަށް މުބާރާތުގައި ބައިވެރިވެވި، މުޅި ރާއްޖޭގެ ބައިވެރިވުން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ޢަލީ ވިދާޅުވިއެވެ.

" ކޮވިޑްގެ މިދުވަސްވަރުގައި ދަތުރުކުރުމުގެ ދަތިކަން ހުރުމާއެކު، ރަށްރަށުން ބައިވެރިވާންއެދޭ ފަރާތްތަކަށް ވާޗުއަލްކޮށް ލަވަ ބައިވެރިކުރެވޭ ނެ. މިގޮތުން ރަށްރަށުން ފޮނުވާ އޮޑިޝަން ކްލިޕްގެ ދިގުމިނުގައި އެއްމިނިޓާއި ތިރީސް ސިކުންތުގެ ދިގުމިން ހުންނަންޖެހޭނެ. އޮޑިޝަން އަށް ފޮނުވާ މިކްލިޕްތަކުގެ ބޭނުމަކީ ފެންވަރު ވަޒަންކުރުން. މިހާރުވެސް ވާޗުއަލް ބައެއް ލަވަ ވަނީ ލިބިފަ. ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދޭ." އަލީ ވިދާޅިވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން