އެމްއެމްއޭ (ފޮޓޯ: ސޯޝަލް މީޑިއާ)
އެމްއެމްއޭ (ފޮޓޯ: ސޯޝަލް މީޑިއާ)
ކޯވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަން މަޑުމަޑުން ހަމައަކަށްއެޅި، ގިނަ ސިނާޢަތްތަކެއް ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ނެރުނު މިއަހަރުގެ ތިންވަނަ ކުއަރޓާގެ ވިޔަފާރި ސަރވޭގައި ބުނެފައިވަނީ، އިމާރާތް ކުރުމުގެ ދާއިރާ ފިޔަވާ، އެހެން ހުރިހާ ސިނާއަތްތައް މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ކުރިއަށް ޖެހިފައިވާ ކަމަށެވެ. މިކަމުގެ ސަބަބެއް ކަމަށް ސަރވޭގައި ބުނެފައިވަނީ، ފުރަބަންދުގެ ފިޔަވަޅުތަކަށް ޖޫން މަހުން ފެށިގެން ލުއިތައް ދޭން ފެށުމާއި، ޖުލައި 15 އިން ފެށިގެން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވާލުމުން ކަމަށެވެ.

މިއަހަރުގެ ތިންވަނަ ކުއަރޓާގައި، ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދުތައް އިތުރަށް ދަށަށް ގޮސްފައިވާ ކަމަށާއި، އަދި ހަތަރުވަނަ ކުއާޓަރަކީ ފަތުރުވެރިކަމުގެ "ޕީކް ސީޒަން"ގެ ފެށުން ކަމަށް ވުމާއެކު އަހަރުގެ ފަހުކޮޅު ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެއްއެމްއޭގެ ސަރވޭގައި ވެއެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި، ހޯލްސޭލް އަދި ރީޓެއިލްގެ ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ޚިދުމަތުގެ އަގުތަކާއި އަދި ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް މަތިވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތަކުން ޚިދުމަތުގެ އަގުތައް ދަށްވެފައި ވީނަމަވެސް، ވިޔަފާރި ހިންގުމަށް ގަންނަ ތަކެތީގެ އަގުތައް މަތިވެފައިވާ ކަމަށް ރިޕޯޓްގައިވެއެވެ.

ނަމަވެސް، ކުރިއަށް އޮތް ކުއާޓަރުގައި ފަތުރުވެރިކަމާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ފާހަގަކޮށްލެވޭ މިންވަރަކަށް ރަނގަޅުވާނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. ނަމަވެސް ކްރެޑިޓަށް ފައިސާހޯދުމަށް ވިޔަފާރިތަކަށް ދަތިވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން