މެޑަމް ފަޒްނާ އަޙްމަދު
މެޑަމް ފަޒްނާ އަޙްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާ ބެހޭގޮތުން، ދޮގު ވާހަކަ ފެތުރި ކަމަށް ބުނެ އޮންލައިން ނޫހަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެކަމަނާގެ ލޯޔަރުން ދީފިއެވެ.

މެޑަމް ފަޒްނާ ތަމްސީލް ކުރާ ލޯފާމެއް ކަމަށްވާ ލިޓިޖަންޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ކިޔާ ރާއްޖޭގެ އޮންލައިން ނޫހެއްގައި މާލޭ ސިޓީ ކައުންސިލުން ލޮނުޒިޔާރަތްކޮޅުގައި ގާއިމު ކުރަމުންދާ ޕާކަށް ގަސް ވިއްކަނީ، ސްރީލަންކާގައި އޮންނަ، ފަޒްނާ އަހުމަދުގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށްބުނެ ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށެވެ.

މެޑަމް ފަޒްނާގެ ފަރާތުން ނެރުއްވި ބަޔާނުގައި ބުނީ ފަސްޓްލޭޑީގެ އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުނީގެ ނަމާއި، އެ ކުންފުނީގައި އެކަމަނާ ހިމެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ އެ ފަދަ އެއްޗެއް ލިޔާ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި މިހާރު މިނިސްޓްރީ އޮފް ޓްރޭޑްގެ އޮންލައިން ޕޯޓަލް އިން، ރަޖިސްޓަރީކޮށްފައިވާ ހުރިހާ ކުންފުންޏެއްގެ ނަމާއި ހިއްސާދާރުންގެ މައުލޫމާތު ފެންނަން އެބަ ހުރި ކަމަށާއި އަދި ސްރީލަންކާގައި ވެސް އެ ފަދައިން ހޯދެން ހުރިއިރު އެމް.އެން.އެންގެ އެޑިޓަރު، އެ ފަދަ އެއްވެސް ތަހްގީގެއް ނުކުރައްވައި، ހިތު ލަފަޔަށް އެއްޗެހި ލިޔުމުން ފާޅުވަނީ އެޑިޓަރުގެ ފެންވަރާއި އެޑިޓަރުގެ ނޫހުގެ ފެންވަރު ކަމަށް ލޯފަމުން ބުނެފައި ވެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ ފަޒްނާގެ ކޮންމެވެސް ފައިސާއެއް، މޮރިޝަސްއަށް ބަދަލުކުރި ވާހަކައިގައިވެސް މޮރިޝަސްގައި ހިންގަނީ ކޮން ވިޔަފާރިއެއް ކަމެއް، އަދި ފައިސާ ހުރިނަމަ އެ ހުރީ ކޮން ބޭންކެއްގައި ކަމެއް، އަދި މޮރިޝަސްގެ މަސްއޫލުވެރިއެއްގެ ބަހެއް ވިޔަސް ގެނެސްދީފައި ނެތްކަން ފާހަގަކޮށް އެހުރިހާ އިލްޒާމަކަށް ފަޒްނާ އިންކާރު ކުރައްވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބުނާގޮތުން ސައްހަ ލިޔުމަށް ބަދަލު ގެނައުމާއި، އެހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެހި ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމަކީ ކުށް ކަމަށާއި އަދި 311 ވަނަ މާއްދާގެ ދަށުން ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުމަކީވެސް ކުށެއް ކަމަށެވެ. 313 ވަނަ މާއްދާގެ ދަށުން، އޮޅުވާލުމުގެ އަމަލުތައް ހިންގުމަކީވެސް ކުށެއްކަން ފާހަގަކޮށް ބަޔާނުގައި ވަނީ އެކަމާއި ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އެ ލޯފާމްގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ފަރާތުން އެދިވަޑައިގަންނަވަނީ އެ ކަމަނާގެ ނަން ބޭނުންކޮށްގެން، ދޮގު މައުލޫމާތު ނުފަތުރައި، އެ ބުނާ ކުންފުންޏެއް އޮތް ނަމަ އެކަން ހާމަކުރުމަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން