އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-
އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-
ރާއްޖޭގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާތީ ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އޮތް ނަމަވެސް، އެކަމުގައި ސަރުކާރުގެ އެއްވެސް ސީރިއަސް ކަންބޮޑުވުމެއް ނެތްކަން ވަޒީރުން މަޖިލީހުގައި ދެއްވާ ޖަވާބުތަކުން ހާމަވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ހިމަބިހީގެ މައްސަލަ ކުރިމަތިވެގެން ނޫސްތަކުގައި އެ ވާހަކަ ލިޔަމުންދާއިރު، އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ވަޒީރު ދެއްވި ޖަވާބަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެއް ކަމަށެވެ.

"ދައުލަތުން، ސަރުކާރުން، އެކަމާ ބެހޭ މުއައްސަސާއިން އެކަމުގެ އެއްވެސް ކަންބޮޑުވުމެއް ނެތްކަން މިއަދު ވަޒީރު ޖަވާބުދިން ގޮތުންވެސް އެނގޭ. އެ ހިނގާ ކަމެކޯ، ބަލި ދެން އެއީ މާ ބޮޑު ކަމެއް ނޫނޯ، އަވަހަށް ޖެހޭ އެއްޗެކޭ އަވަހަށް ރަނގަޅުވެސް ވާނެއޭ. މިއީ މައިގަނޑު ޖަވާބަކީ،" ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ނުރައްކާތެރި ބަލިތައް ފެތުރެމުންދާއިރު ސިއްހީ ދާއިރާއަށް ބަޖެޓުކޮށްފައިވާ ފައިސާ ހަރަދުނުކޮށް ހިފަހައްޓާފައި އޮތުމަކީ ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން ސިއްހީ ދާއިރާގެ ތަރައްގީއަށް މިއަހަރު ބަޖެޓުކުރި 917 މިލިއަން ރުފިޔާގެ ތެރެއިން އަހަރުގެ މެދާ ހަމައަށް ދިޔައިރު ހަރަދުކުރީ އެންމެ 12 އިންސައްތަ ކަމަށާއި، ބާކީ 88 އިންސައްތަ ފައިސާއަށް ވީގޮތެއް ސަރުކާރަށް ސާފުކޮށްނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދައުލަތުގެ ފައިސާ ނެތީތޯ ނޫނީ ހެލްތު ސެކްޓާ ޕްރިއޯރިޓީއަކަށް ނުވަނީތޯ؟ އެއީ އަޅުގަނޑުމެން ބަލަން ބޭނުންވާ ކަމަކީ،" ސިއްހީ ދާއިރާގެ ބަޖެޓުން ކުރިންވެސް ބިލިއަނުން ފައިސާ ޑައިވާޓްކޮށްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމްހީދު ވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން އެންމެ އިސްލާހެއް މުޅި ހަފްތާއަށް ދަމަމުންދާއިރު، ކޮމިޓީތައްވެސް "ފަންކްޝަން" ނުކުރާ ކަމަށެވެ. މިއަދު އެޖެންޑާ ކުރި މާލިއްޔަތު ކޮމިޓީވެސް ކުއްލިއަކަށް ކެންސަލްކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ބޮޑު ހޭދައެއް ކުރާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މައިގަނޑު ޒިންމާ އަދާނުކުރެވި، މަޖިލިސް ހުއްޓިފައި އޮތުމަކީ ގައުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު