އައިޖީއެމްއެޗްއާ ދިމާލުން މޫދުން މަރުވެފައި އޮއްވައި ފެނުނު ޒުވާނާ އޭނާ މަރަކީ ގުދުރަތީ މަރެއް ކަމަށް ނުބެލެވޭ
އައިޖީއެމްއެޗްއާ ދިމާލުން މޫދުން މަރުވެފައި އޮއްވައި ފެނުނު ޒުވާނާ އޭނާ މަރަކީ ގުދުރަތީ މަރެއް ކަމަށް ނުބެލެވޭ
އައިޖީއެމްއެޗާ ދިމާ މޫދު އަޑީގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، މިދިޔަ ބުރާސްފަތި ދުވަހު ރަސްފަންނަށް ދިޔަ މީހުންގެ އެހީތެރިކަމަށް ފުލުހުން މިރޭ އެދެފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، އެމީހާގެ މަރަކީ ޤުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ. އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު އޭނާގެ ހަށިގަނޑު ވަނީ މޯޗަރީގައި ބާއްވާފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެ އެވެ. އޭނާގެ ހަށިގަނޑު އައިޖީއެމްއެޗާ ދިމާލުން ފެނުނީ އިއްޔެ ހެނދުނު 10:40 އެހާކަަންހާއިިރު އެވެ.

އޭނާގެ މަންމަ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ދަރިފުޅު މޫދުން ނެގި އިރު ގިނަ ޒަހަމްތަކެއް ހުރި ކަމަށެވެ. އެގޮތުން އޭނާގެ އެއް ލޯ ނެތް ކަމަށް މަންމަ ބުންޏެވެ. މޫނާއި ހަށިގަނޑުގެ އެކިތަންތާގައިވެސް ޒަހަމްތަކެއް ހުރި ކަމަށާއި އެއީ ގުދުރަތީ މަރެއް ކަމަށް ނުބެލެވޭ ކަމުގައި އޭނާގެ މަންމަ ބުނެފައިވެއެވެ.

"ވާތުފައިގެ ކުޑަވާ އިނގިލީގެ ބައެއްވެސް ނެތް. ބަނޑުގެ ފޫޅުން ތިރި ހުރީ ނޫފައިގެންފައި. ފުރަގަހުންވެސް ހުރީ ނޫފައިގެންފައި. ލޯ ކައިރިން ހުރި ތޫނު އެއްޗަކުން ޖެހުނު ގޮތަށް. މަތީ ދަތްޕިލަވެސް ހުރީ އަޑިއަށް ވަދެފައި." ދަރިފުޅަށް ލިބިފައި ހުރި ޒަހަމްތަކާއި ގުޅޭ މައުލޫމާތު މީޑިޔާ އަށް ދެމުން އޭނާގެ މަންމަ ބުނެފައި ވެއެވެ.

އަދި ގަސްތުގައި އޭނާ މަރާލައިފައި ބަޔަކު އޭނާ އެެއްލާލީ ކަމަށް މަންމަ ވަނީ ތުހުމަތުކޮށްފައެވެ.

ފުލުހުންގެ އިދާރާ އިން މިރޭ ބުނީ، ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 12:00 އާ ދެމެދު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި، މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެފަރާތަކާ ވާހަކަދައްކައި މައުލޫމާތު އޮޅުންފިލުވަން ފުލުހުން ބޭނުންވާ ކަމަށެވެ.

މިގޮތުން ބުރާސްފަތި ދުވަހު ހެނދުނު ރަސްފަންނު ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކުން ނުވަތަ މަރުގެ މިހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެވުމަށް ފުލުހުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން