ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވި ދުވަހަކީ ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ދިމާވި އެންމެ ދަތިފުޅުވި އެއް ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއެކު އޭރުގެ ނާއިބްރައީސް ލައްވައި އަވަސް އަރުވާލައިގެން ހުވައި ކުރެއްވުމުގައި އެންމެ އިސްކޮށް ހުންނެވި އަބްދުﷲ ޝާހިދު ވިދާޅުވީ އޭނާގެ މަޖިލީހުގެ ޙަޔާތުގައި އެންމެ ދަތިފުޅުވި އެއް ދުވަހަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ރައީސް ނަޝީދު އިސްތިއުފާދެއްވައި ޑރ.މުޙައްމަދު ވަޙީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އައްޔަންކުރެވުނު ދުވަސްކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީއާ ކުރިން ރާއްޖޭގައި އަމަލުކުރަމުންއައި ޤާނޫނު އަސާސީގެ އެންމެ ބޮޑު އެއް ތަފާތަކީވެސް އެކި މަޤާމުތަކުގައި ތިއްބަވާ ބޭބޭފުޅުން މަޤާމުތަކުން އިސްތިއުފާދެއްވުމުގެ އުސޫލުކަމަށެވެ. އެގޮތުން ކުރިން އޮންނަ އުސޫލުގެ ދަށުން މަޤާމުން ބޭފުޅަކު އިސްތިއުފާ ދެއްވިޔަސް، އިސްތިއުފާ ޤަބޫލުނުކުރާހާ ހިނދެއްގައި އެބޭފުޅަކު ހުންނަވާނީ މަޤާމުގައިކަމަށެވެ. ނަމަވެސް މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން އެއްވެސް ބޭފުޅަކު މަޤާމަކުން އިސްތިއުފާދެއްވައިފިނަމަ އެމީހަކު ހުށައަޅާ އިސްތިއުފާގެ ސިޓީ ފޮނުުވުމާއެކު އެމަޤާމު ހުސްވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ހުސްވުމުގެ މާއްދާގައިވެސް އޮންނަނީ ހަމަ އެމޭރުމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަތްޕުޅަށް ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާގެ ސިޓީ ލިބުމުން އެމަޤާމު ހުސްވީކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގޮތް ނިންމުމުގެ އިޚްތިޔާރު އޮންނަ ކަމަކަށް ނުވުމުން ފެބްރުއަރީ 7 ވަނަ ދުވަހު އަމަލުކުރެއްވީ ކޮންމެ ހާލަތެއްގައިވެސް ޤާނޫނު އަސާސީ ނަގަހައްޓައި ހިފެހެއްޓުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ އަޅުގަނޑަށް ފޮނުއްވި ހިސާބުން އެމަޤާމު ހުސްވީ. ދެން އަމަލުކުރަންވީގޮތްވެސް ޤާނުނު އަސާސީގައި އޮވޭ. ދެން އަޅުގަނޑު އެދުވަހު އަމަލުކުރީ އެހާތަނަށްވެސް މަޖިލިސް ރައީސެއްގެ ގޮތުން އަމަލުކުރަމުންގެންދާ އުސޫލުގެމަތިން ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ މަޝްވަރާކުރުމަށްފަހު. އެގޮތަށް އެކަން ކުރިއަށްގެންދިޔަނަމަވެސް އެއީ އަޅުގަނޑުވެސް އަދި ރާއްޖޭގެ ޤާނޫނީ ޙުކޫމަތެއް ހިންގަން ބޭނުންވާ އެއްވެސް މީހަކު އަންނަން އެދޭނެ ދުވަހެއް ނޫން." ރައީސް ނަޝީދު ވެރިކަމުން އިސްތިއުވާ ދެއްވި ސިޓީ އަތްޕުޅަށް އެރުމާއެކު އޭރުގެ ނާއިބްރައީސް ޑރ. ވަހީދަށް ވެރިކަމުގެ ހުވާ ކުރެއްވުމަށް ދަޢުވަތު ދެއްވި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އޭރު ހުންނެވީ ރައީސް ނަޝީދުގެ ސަރުކާރާއި ދެކޮޅު ވާދަވެރިންނާއެކުގައެވެ. ނަމަވެސް ރައީސް ނަޝީދު އިސްތިއުފާ ދެއްވިތާ ދުވަސް ކޮޅެއް ފަހުން ޝާހިދު ފެންނަން ފެށީ އޭރުގެ އިދިކޮޅު ފަރާތްތަކާއެކު މަގުމަތީގެ ހަރަކާތްތަކުގައި ވެސް ބައިވެރިވެ ވަޑައިގަންެނަވަމުން ގެންދެވި މަންޒަރެވެ. އޭރު ޑީއާރްޕީ ދޫކުރަށްވައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ރައީސް މައުމޫންގެ ސަރުކާރާއި ޑީއާރްޕީގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ޢަބްދުﷲ ޝާހިދުގެ އިތުރުން އަހުމަދު ތަސްމީން ޢަލީއާއި އޭނާގެ އަނބިކަނބަލުން ވިސާން ޢަލިއާއި ރޮޒޭނާ ފަދަ ބޭބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ރައީސް ނަޝީދުގެ އިސްތިއުފާއާ ގުޅޭގޮތުން ޝާހިދު ވާހަކަދެއްކެވި މިއީ ފުރަތަމަ ފަހަރެވެ. މީގެކުރިން އެދުވަހުގެ ކަންކަން ހިނގި ގޮތާއި މެދު އެމަނިކުފާނު ވާހަކަފުޅުދައްކާފައެއްނުވެއެވެ. ފެބްރުއަރީ 7 ވަނަ ދުވަހު އަމަލުކުރެއްވީ ޤާނޫނުއަސާސީއާ އެއްގޮތަށްކަމަށް އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ޝާހިދު ވިދާޅުވާއިރު، އެމްޑީޕީގެ ލީޑަރޝިޕުން ޤަބޫލުކުރަނީ ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާދެއްވީ މަޖުބޫރުކޮށްގެން ބަޣާވާތެއްގެ ތެރެއިންކަމަށެވެ. އަދި ނަޝީދުގެ އިސްތިއުފާގެ ސިޓީ ޝާހިދުގެ އަތްޕުޅަށް އެރުވީ ވެސް އޭރު ނަޝީދުގެ ސަރުކާރާއި ދެކޮޅަށް ނުކުމެ ތިއްބެވި އިސް ބޭފުޅުން ކަމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ތުހުމަތު ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

އަޙްމަދު

27-Oct-2020

މަތި އޮމާން ކުރާނެ ކަމެއްނެތް. ރައީސުލް ޖުމްޙޫރިއްޔާގެ އިސްތިއުފާ ސިޓީ ހިގައިގެން މަޖިލީހައް ދާންޖެހޭނީ އޭނާއާ އިދިކޮޅައް މަގުމައްޗައް ނުކުމެ ތިބި މީހުންނެއްނޫން. އެ ސިޓީ ދާންވެސް ހުންނާނެ ޗެނަލްތަކެއް. އެހެން ނޫނިއްޔާ ކިހިނެއް އެނގޭނީ އެއީ ސައްޙަ ސިޓީއެއް ކަމެއް؟ ތިހާ ފަސޭހަކަމަކަށްވަންޏާ މަ ފޮނުވަންތަ ރައީސް އިބްރާހީމްގެ އިސްތިއުފާ ސިޓީ؟ މަގުމަތިން މީހަކާ ހަވާލުކޮށްފައި މަވެސް ފޮނުވަފާނަން. އެ ބަޣާވާތް ކާމިޔާބުވީ ޝާޙިދުވެސް އެ ގޮތް ބޭނުންވީމަ. ޝޙދކވސ ބޣއއ.


10

ހަތާ

27-Oct-2020

ސިޓީ މަޖިލީހަށް ގެންދިޔަ ގޮތް އެއީ ތުހުމަތެއްނޫން އެއީ ހަޤީޤަތެއް


9

ޓޫނާ

27-Oct-2020

ކްލިކް ބެއިޓް. ލެސަން ލާރންޓް. އާދިއޮސް ރަސް!


13

ޢަހްމަދު

24-Oct-2020

ސުރުހީއާ އެއްވެސް ގުޅުމެއް ނެތް ބޯހަލާކު



ޓްރެންޑިން