ޚާރިިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އަދި ރައީސް މުހައްމަދު ނަޝީދު
ޚާރިިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އަދި ރައީސް މުހައްމަދު ނަޝީދު
7 ފެބްރުއަރީ 2012 ގައި ރައީސް މުހަންމަދު ނަޝީދުގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު އޭރުގެ ރައީސް މުހަންމަދު ނަޝީދު އިސްތިއުފާ ދެއްވީ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާކޮށް ހިނގި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތައް މުޒާހާރާގެ ބައިވެރިންނަށް ބައިއަތު ހިފުމުންނެވެ. ރައީސް އޮފީހުގައި ރައީސް މުހަންމަދު ނަޝީދު އިސްތިއުފާ ދެއްވުމަށްފަހު އިސްތިއުފާގެ ސިޓީ މަޖިލީހަށް ހުށައެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހަންމަދު ނާޒިމާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބުދު ﷲ ރިޔާޒެވެ. އޭރުގެ އެ ދެބޭފުޅުންނަކީ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް އާންމު ދެ ފަރުދުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި އަބުދު ﷲ ޝާހިދު އެދުވަހު ވަނީ އިސްތިއުފާގެ ސިޓީ އޭނާގެ އަތްޕުޅަށް ނުވަތަ މަޖިލީހަށް ލިބިވަޑައިގެންނެވުމުން އޭރުގެ ނާއިބް ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން ލައްވައި ރައީސް ކަމުގެ ހުވާކުރައްވާފައެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި އެއަށް ފަހު އޭރުގެ ނާއިބް ރައީސް ރައީސް ކަމުގެ މަގާމުގެ ހުވައި ކުރެއްވުމާއި ގުޅޭ ގޮތުން ޝާހިދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ ރައީސް އިސްތިއުފާ ދެއްވިކަން ބަޔާންކޮށް ރައީސް އޮފީހުން ފޮނުވާ ސިޓީއެއް އާންމުންގެ ދެ މީހަކު ހިފައިގެން ދިޔުމުން އެ ސިޓީ ބަލައިގަންނަން ޖެހޭނެ އެއްވެސް ގާނޫނީ އަސާސެއް ނޯންނާނެ ކަމަށެވެ.

"އެއީ ގާނޫނޫ އަސާސީގެ 121 ވަނަ މާއްދާ އާއި އެއްގޮތަށް ހުށައެޅުނު ސިޓީއަކަށް ނުވާނެ." ހައިލަމް ވިދާޅުވިއެވެ.

ގާނޫނޫ އަސާސީގެ 121 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި އެސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލްޖުމުހޫރިއްޔާ އޭނާގެ މަގާމުން ވަކިވީ ކަމަށެވެ. އެމްޑީޕީގެ އެންމެ ފުރަތަމަ ސަރުކާރު ބަދަލުކުރީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މިހާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވި ދުވަހަކީ ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ދިމާވި އެންމެ ދަތިފުޅުވި އެއް ދުވަސްކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީއާ ކުރިން ރާއްޖޭގައި އަމަލުކުރަމުންއައި ޤާނޫނު އަސާސީގެ އެންމެ ބޮޑު އެއް ތަފާތަކީވެސް އެކި މަޤާމުތަކުގައި ތިއްބަވާ ބޭބޭފުޅުން މަޤާމުތަކުން އިސްތިއުފާދެއްވުމުގެ އުސޫލުކަމަށެވެ. އެގޮތުން ކުރިން އޮންނަ އުސޫލުގެ ދަށުން މަޤާމުން ބޭފުޅަކު އިސްތިއުފާ ދެއްވިޔަސް، އިސްތިއުފާ ޤަބޫލުނުކުރާހާ ހިނދެއްގައި އެބޭފުޅަކު ހުންނަވާނީ މަޤާމުގައިކަމަށެވެ. ނަމަވެސް މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން އެއްވެސް ބޭފުޅަކު މަޤާމަކުން އިސްތިއުފާދެއްވައިފިނަމަ އެމީހަކު ހުށައަޅާ އިސްތިއުފާގެ ސިޓީ ފޮނުުވުމާއެކު އެމަޤާމު ހުސްވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ހުސްވުމުގެ މާއްދާގައިވެސް އޮންނަނީ ހަމަ އެމޭރުމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަތްޕުޅަށް ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާގެ ސިޓީ ލިބުމުން އެމަޤާމު ހުސްވީކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގޮތް ނިންމުމުގެ އިޚްތިޔާރު އޮންނަ ކަމަކަށް ނުވުމުން ފެބްރުއަރީ 7 ވަނަ ދުވަހު އަމަލުކުރެއްވީ ކޮންމެ ހާލަތެއްގައިވެސް ޤާނޫނު އަސާސީ ނަގަހައްޓައި ހިފެހެއްޓުމަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ވިދާޅުވި ފަދައިން އެދުވަހު ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ގެންދިޔައީ އެކަމަށް އޮންނަ ރަސްމީ އުސޫލުން ނޫން ކަމަށް އެމްޑީޕީގެ އިސް ފަރާތްތަކުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ކަޅުބެ

27-Oct-2020

ބޮޑު ބޢާވާތެއް


5

ޢެކީގަ

27-Oct-2020

ޢެއީ' ސާފު ބަގާވާތެއް


-10

އިލްޔާސް

25-Oct-2020

މިއަދު މިއީ ކޮންބޭނުމެއްގައި އުފުލާ އަޑެއްތޯ ސުވާލު އުފެދެއެވެ. ގާނޫނު އަސާސީގައި އޮންނަނީ، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެނަމަ ސިޓީއަކުން އެކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި އެސިޓީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބުމުން ރައީސުލްޖުމުހޫރިއްޔާ އޭނާގެ މަގާމުން ވަކިވީ ކަމަށެވެ. މިހާސާފުކޮށް އިވެފައި އެކަން ރައީސް ނަޝީދު ކުރެއްވީ ހުރިހާ ދިވެހިންގެ ކުރިމަތީގައެވެ. ވީމާ އިސްތިއުފާ ސިޓީ ހުށަހަޅާގޮތް ކޮންމެ ގޮތަކަށް ވިޔަސް އެސިޓީ ރައްދުވުމުން އެކަންހިންގާނެއެވެ. ރައީސްކަމުން ވަކިވެގެންދާނެއެވެ! މަޖިލިސް ރައީސަށް އެހިނދު ދައްކަވާނެ އިތުރު ބަހަނާއެއް ނެތެނީ، ހުރިހާދިވެހިންނަށް އެމަންޒަރު ވަގުތުން ލައިވްކޮށްފައި ހުރުމުންނެވެ!!!! ހައިލަމް ވެސް މަގާމުގައި ގާނޫނީބާރާއެކު އޭރު އިންނެވީ މަގާމުގައެވެ!!!!


1

މަރިޔަންބީގެ ރެކިމަނިކާ

25-Oct-2020

ހައިލަމް މަގާމުގެއްލުނީމަ ތިކިޔަނީ ރަޑޭ ރަޑޭ ދެންވެސް ކޮސްއަނގަ ނުތަޅާ ހުރެވޭތޯ ބަލާބަލަަ'' ރާއްޖޭގެ ރައްޔަތުން ނައްފެންނަހެން ޓީވީން ލައިވުކޮއް އޭނަ މަގާމުން އިސްތިއުފާދިނީ ކުކުޅެއް އަތައް އިސްތިއުފާގެ ސިޓީދިފަ ފޮނުވިޔަސް އެވާނީ ރަނގަޅު އެއްޗަކައް"


8

ދޮންބެ

25-Oct-2020

މިހާރުދެން މަތިޖަހަން މިކަހަލަ ކިތަންމެ ވާހަކައެއް ދައްކާނެ. ބަޣާވާތެއް އެހެން އެއްޗަކަށް ނުވާނެ.


7

ނައީމު

25-Oct-2020

ރައީސުލް ޖުމްހޫރިއްޔަގެ އިސްތިއުފާގެ ސިޓީ އޮޔާއި ވަޔާއި އެކުގައި އައިސް ލިބުނަސް, އަދި ކޮންމެ މިހަކު ހިފައިގެން އައިސްގެން ލިބުނަސް މަޖިލިހުގެ ރައީސްގެ އަތްޕުޅަށް އެސިޓީ ލިބި އެއީ ރައީސް ނަޝީދުގެ ސިޓީއެއްކަމަށް ޔަގީންވާކަމަށްވާނަމަ އެބަލައި ގަނެވިދާނެ, ސިޓީ ގެންދާ މީހާ އެއީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ވާހަކައެއްނޫން, އެހެންކަމުން އެއީ ޤާނޫނު އަސާސީއާއި އެއްގޮތަށް ޝާހިދު ކުރެއްވިކަމެއް


-4

މުޖޫ

25-Oct-2020

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ލިބިވަޑައިގަތީ ރައީސް ނަޝީދުގެ ސިޓީފުޅެއް. ހިފައިގެން އަންނަން ޖެހޭ ގޮތް ނުވަތަ ވަކި މީހަކު ހިފައިގެން އަންނަން ޖެހޭ ވާހަކަ ގާނޫނު އަސާސީގައި ލިޔެވިފައި އެބައޮތްބާ?


3

މުޖޫ

25-Oct-2020

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ލިބިވަޑައިގަތީ ރައީސް ނަޝީދުގެ ސިޓީފުޅެއް. ހިފައިގެން އަންނަން ޖެހޭ ގޮތް ނުވަތަ ވަކި މީހަކު ހިފައިގެން އަންނަން ޖެހޭ ވާހަކަ ގާނޫނު އަސާސީގައި ލިޔެވިފައި އެބައޮތްބާ?



ޓްރެންޑިން