އިތުރު ބަތް ރަށެއްގައި ބީއެމްއެލްގެ ބްރާންޗުތައް ހުޅުވުން، ފޮޓޯ: ބީއެމްއެލް
އިތުރު ބަތް ރަށެއްގައި ބީއެމްއެލްގެ ބްރާންޗުތައް ހުޅުވުން، ފޮޓޯ: ބީއެމްއެލް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ރަށެއްގައި ބްރާންޗުތައް ހުޅުވައި ބޭންކުގެ ޚިދުމަތުގެ ވިއުގަ މިއަދު ފުޅާކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ބްރާންޗުތައް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި އައު ބްރާންޗުތައް ގާއިމުކޮށްފައިވަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށް މި ހަތް ރަށުގައެވެ. މި ބްރާންޗުތަކާއެކު، ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗު އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އަލަށް ހުޅުވުނު 17 ބްރާންޗު ހިމެނޭއިރު، މިއީ ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ ދެމެހެއްޓެނިވި އިންވެސްޓްމެންޓްތަކުގެ ހެއްކެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ލިބޭ ކޮންމެ ކުރިއެރުމެއް އިންވެސްޓް ކުރަނީ މުޖުތަމައުތަކުގައި ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކަމަށެވެ. އަދި ބޭންކަށް ލިބޭ މާލީ ކުރިއެރުމުގެ ސަބަބުން މުޅި ރާއްޖެއަށް ފެތުރިފައިވާ ވިއުގައަށް އިތުރު އިންވެސްޓްމެންޓްތައް ކުރުމުގެ ފުރުސަތު ލިބި، ކޮންމެ ދިވެއްސަކަށްވެސް ފަސޭހަކަމާއެކު މާލީ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ފުޅާވަމުންދާ ވިއުގައަކީ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސްއިން މިހާރުވެސް ދަނީ ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގ ވިއުގަ ހިންގަމުންނެވެ. އަތޮޅުތަކުގައި ހުރި 55 ބްރާންޗުގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 340 އޭޓީއެމް ބަހައްޓާފައިވާއިރު، ޒަމާނީ ޑިޖިޓަލް ބޭންކިންގ ވަސީލަތްތައް މެދުވެރިކޮށްވެސް ބޭންކުން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އައު އީޖާދުތަކާއެކު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، މުޖުތަމައުގެ ތަރައްގީގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދެއެވެ.



ކިޔުންތެރިންގެ ހިޔާލު