ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ
ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދީފައިވަނީ އަދީބު ނިދަން ޖެހެނީ ވަކި ޚާއްޞަ މެޝިނެއްގެ އެހީގައިކަމަށްވާތީ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، އަޙްމަދު އަދީބު ނިދުމުގައި މައްސަލަތަކެއް ހުންނަކަމަށާއި، ފުއްޕާމެއާއި ގުޅުންހުރި ނޭވާލުމުގެ މައްސަލަތަކެއް ހުރިކަމަށް ޑޮކްޓަރުން ދެއްވާފައިވާ ލިޔެކިއުންތަކުގައި ވާކަމަށެވެ. އަދި އަދީބު ނިދުމުގައި ވަކި ޚާއްސަ މެޝިނެއް ބޭނުންކުރަންޖެހޭ ކަމަށާއި، އެމެޝިނަކީ ޖަލުގައި ބޭނުން ކުރެވޭނެ މެޝިނަކަށް ނުވާތީ އެކަމަށް ރިޔާޢަތްކޮށް އަދީބު ގެއަށް ބަދަލުކޮށްފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

"މީގެ ކުރީ ފަހަރެއްގަ ޖަލުގެ ތެރޭގައި ހުންނަވަނިކޮށް ޖަލުގެ ގޮޅިއަށް ވެއްޓި ނިތްކުރި މަތި ދުޅަވެ ދެން ކަންތައްތަކެއް ހިނގާފައި ހުރި. އޭގެ ފަހުން ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް. ދެން އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭގޮތަށް ހުރި މެޝިނެއް ނޫންކަމަށް ވަނީ." އިމްރާން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު އިއުތިރާފުވުމާއި ގުޅިގެން އޭނާގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭ ދައުވާތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން