ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
މިސަރުކާރުގެ ވޭތުވެ ދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ މިންވަރު ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައި ނުވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ، މިސަރުކާރުގެ ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ މިންވަރު ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"މިދިޔަ ދެއަހަރުގެ ތެރޭގައި ކުރީގައި ނެތް ވަރަކަށް އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި މަލާމަތް ކުރުން ފާހަަގަކުރެވޭ މިންވަރަށް އެގޮތަށް އިތުރުވެފައިވާ ކަމަށް ބުނެވޭކަން ނެތް." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވުމަށް ކުރިއާއި އަަޅާބަލާއިރު ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެ ފިޔަވަޅުތަކުގެ ނަތީޖާ އެދެވޭ ގޮތެއްގައި ނުފެންނަނީ އެ ކަންކަން ދޫކޮށްލައި އެކަމަށް މަގުފަހިކުރާތީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ދީނަށް ފުރައްސާރަ ކުރާ މީހުން ހިފެއްްޓުމާއި ހައްޔަރުކުރުމަށް ގާނޫނީ ހަމަތަކެއް އެބަހުރި، ފުލުހުންނަށް މީހަކު ހައްޔަރުކުރެވޭނީ ގާނޫނުގެ ތެރެއިން ގާނޫނުން ބާރު ނުދެއްޏާއި ރައްޔިތުން ބޭނުންވިޔަސް ފުލުހުންނަށް މީހަކު ބަންދެއް ނުކުރެވޭނެ އެކަމަށް ފުރިހަމަ ގާނޫނެއް އޮންނަންޖެހޭ. އެ ގާނޫނޫ ތަންފީޒުކުރެވެންޖެހޭ." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ޑިމޮކްރެސީ ނެޓްވޯކުން ނެރުނު ދީނާއި ޚިލާފު ވާހަކަތަކެއް ހުރި ރިޕޯޓްގެ މައްސަލަ އެކަށީގެންވާ ގޮތެއްގައި ނުބެލުމާއި އޭގެ ފަހުން އުތެމަ ޖަމިއްޔާއިން އެރިޕޯޓަށް ބާރުދީ ނެރުނު ރިޕޯޓާއި ސޯޝަލް މީޑިއާގައި ފާޅުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން އިންތިހާއަށް އިތުރުވެ އެކަންކަމުގައި ކަމާބެހޭ ފަރާތްތަކަށް އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު އެޅިފައި ނުވާކަމަށް ބުނެ ދީނީ އިލްމް ވެރިންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ގިނަ އަދެއްގެ ދީނީ ޢިލްމް ވެރިން ހިމެނޭ އަދާލަތު ޕާޓީ ސަރުކާރު ކޯލިޝަންގައި ތަމްސީލު ކުރަށްވާ އަދި ކުރިން ޝައިޚް އިމްރާންގެ ގޮތުގައި މަޝްހޫރުވެފައިވާ މިހާރު ގެ ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ޝޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން އިސްލާމްދީނަށް ފުރައްސާރަ ކުރާ މައްސަލަ ހުއްޓުވުމަށް ފުލުހުންނަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ޝޯޝަލް މީޑިޔާގައި ދީނަށް ފުރައްސާރަ ކުރާ ފަރާތްތަކާއި މެދު ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެހެން ނަމަވެސް އެމަސައްކަތުގައި އެންމެ އެދެވޭ ނަތީޖާ ހާސިލް ނުކުރެވޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ޝޯޝަލް މީޑިޔާގައި ދީނަށް ފުރައްސާރަ ކުރުމަށް ހިންގާ ކަންތައްތައް ހުއްޓުވުމުގެ އިޚުތިޔާރެއް ފުލުހުންނަކަށް ނޯވޭ. މިސާލަކަށް ޓުވިޓާ، ފޭސްބުކް، ޝޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ހިންގާ ކަންތައްތަށް ހުއްޓުވަން ޖެހެނީ ބޭރުގެ އެ ޕްލެޓްފޯމްތަށް ހިންގާ ފަރާތްތަކާއި ގުޅިގެން." އިމްރާން ވިދާޅުވިއެވެ.

މިސަރުކާރުގައި މިވޭތުވެ ދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ މިންވަރު ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައިނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވި ނަމަވެސް މިދިޔަ ގައުމީ ދުވަހު މިނިސްޓަރު އިމްރާން ވިދާޅުވެފައިވަނީ އިސްލާމްދީންގެ ސައްހަ އަގީދާ ދޫކޮށް ހަރުކަށި ފިކުރު ތަކަށް ލެބޭ ޒުވާނުންގެ އަދަދު ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށެވެ. އެކަން ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ބޭރު

25-Oct-2020

އިސްލާމް ދީން ދެކެ ލޯބިވާމިހުންނަށް ތިޔަކަން އިނގޭނީ.


13

ޢަހުރނޢަހުރން

25-Oct-2020

މިސަރުކާރުގައި ގިނަވީ ތިޔަކަހަލަ ކައްޒާބުން. ޚިޔާނަތްތެރިން.. ފާޅުވީ ކަލެމެންގެ އެތެރެފުށް