މިދިޔަ ޖޫންމަހުގެ ތެރޭގައި ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމަށް ބުނެ ވާހަކަދައްކަނީ އެކަން ހިނގި ގޮތާއި ޚިލާފަށްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ސަފާރީގައި ހިނގި ރޭޕް ކޭސްގެ ވާހަކަ އަޑުއިވުމުން އޭނާވެސް ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވިކަމަށެވެ. ނަމަވެސް އެކަމުގެ ހަޤީޤަތް ބެލިއިރު އާއްމުންގެ ތެރޭގައި ވާހަކަދައްކަނީ ކަން ހިނގާފައި އޮތް ގޮތް ވަރަށް ބޮޑުކޮށްލައިގެންކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ ސަފާރީގައި ހިނގާފައިވަނީ ވަރަށް ކުޑަކަމެއްކަމަށާއި، އެއީ ރޭޕްގެ އަމަލެއް ނޫންކަމަށެވެ.

"އަޅުގަނޑުވެސް އެވާހަކަ ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ހަމަ ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ މިއޮތީ. އެކަމު އެމައްސަލަ ގޮސް ރަނގަޅަށް ކައިރިން ބަލާލީމަ މިކަހަލަ ތާކު އަޅުގަނޑަށް ސީދާ ފަސޭހައެއް ނޫން އެ ހިނގާފަ އޮތް ކަންތައް ނުވަތަ އެ އިބާރާތް ބުނާކަށްވެސް. އެހެންނަމަވެސް އަޅުގަނޑަށް ދަންނަވަން ކެރިދާނެ ޢާންމު ޕަބްލިކް ތަނެއްގަވެސް ހުރެފަވެސް ބައެއްގެ ތެރޭގަވެސް ހުރެފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރި ވާހަކަ މިދެންނެވީ. އަދި ކުރީމަ ކުރިކަންވެސް ނޭގޭނެވެސް ކަމެކޭ ހިނގާފަ މިއޮތީ." ރޯޔަލް ރޭޕް ކޭސްގެ ގޮތުގައި މީސް މީޑިއާގައި މަޝްހޫރުވެފައިވާ ކެންޔާގެ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނާ މައްސަލައަކީ މާބޮޑު ގޯހެއް ހިނގާފައިވާ ކަމެއް ނޫން ކަމަށް ރައްޔިތުންނަށް ހާމަކޮށްދެއްވަމުން އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރޭޕްގެ އަމަލެއް ނުހިންގިނަމަވެސް، އެމައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާއިމެދު އުސޫލާއި ޚިލާފް ކަންކަން ހިނގާފައިވާކަމަށް ތުހުމަތުކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.

"އެންމެ ފުރަތަމަ އޭނާ ދޫކޮށްލުމުގައި އެބަހުރި ބައެއް ކަންކަން ޕްރޮސީޖާއިން ބޭރުން ހިނގާފައި." އިމްރާން ވިދާޅުވިއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކުރިކަމަށް ބުނާ މައްސަލައިގައި އާއްމުންގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވިއެވެ. އަދި މިކަމުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ގާތް ބަޔަކު ޝާމިލުވާކަމަށާއި ނަމަވެސް އެމީހުން ހިމާޔަތްކުރަން ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާފައިވާކަމަށްވެސް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ސަފާރީ ރޭޕްކޭސްއާ ގުޅޭގޮތުން ތަފާތު ވާޙަކަތައް ދައްކަމުން އަންނައިރު ހޯމް މިނިސްޓަރ އިމްރާންގެ މި ހައިރާން ކުރުވަނިވި ވާހަކަތައް އަޑު އިވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ފެނިގެން ދިޔައީ އެމައްސަލައާ ގުޅޭ ވީޑިއޯއެއްވެސް ލީކުވެގެން ދިޔަތަނެވެ. އެ ވީޑިއޯގައި ރޭޕްގެ ޝިކާރައަކަށްވި ކެންޔާ އަންހެން މީހާ ފުލުހުންނަށް ދިން ބަޔާނަށް އުނި އިތުރު ގެނައުމުގެ ވާހަކަތައް ދައްކާ އަޑުއިވެއެވެ. ނަމަވެސް ފުލުހުން ވަނީ އެއީ ބަޔާން ނެގުމުގައި އާންމުކޮށް ކަން ހިނގާ ގޮތް ކަމަށް ވިދާޅުވެ އެ ވިޑިއޯ ލީކްކޮށްލުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކެންޔާގެ އަންހެންމީހާގެ ފަރާތުން މިމައްސަލައިގާ ވަކާލާތު ކުރަށްވާ ލޯ ފާމުން ލީކްކޮށްލި މި ވިޑިއޯއާއެކު ލޯފާމުން ވަނީ އެ މައްސަލައިގައި ފުލުހުން އަމަލު ކުރަންމުންދާ ގޮތާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމައްސަލަ ބަލައި ދިނުމަށް އެދި ކަމާބެހޭ ފަރާތްތަކަށް ވެސް ވަނީ ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަލީ

25-Oct-2020

ކިހާ އިންސާފް ވެރި ތޯ ބަލަ އެހެރަ ހަދާލި ބޮޑު ދޮގު ދެން ކިހިނެއް ކަން ކަން ރަންގަޅު ވާ ނީ


2

ސަޜީ

25-Oct-2020

މޮޅު މީހުންނައް މޮޅު ގޮތް ދެރަ މީހުންނައް ދެރަ ގޮތް


9

އަބްރާހިންބެ

25-Oct-2020

ކިހާ ރަންގަޅު ކިހާ އިންސާފް ވެރި މި އޮތީ ވާ ގައުމެއް


3

އަލީ

25-Oct-2020

ހުދު ފޮތި ކޮޅަކައް ހަދާލީ ދޯ


10

ދޮންމުދިމު

25-Oct-2020

އެބުނަނީ ކުޑަކަމެއް ކުރިކަމުގައިބާ! އެކުޅަ ކުޑަކަމަކީ ދީނީގޮތުންނާ ޤާނޫނީ ގޮތުން ހުއްދަވާ ވަރުގެ ކަމެއްބާ!



ޓްރެންޑިން