އެސެޓް ރިކަވަރީ ކޮމިޝަނުން ވޭތުވެދިޔަ 2 އަހަރު ތެރޭގައި "ރިކަވަރ" ކޮށްފައިވަނީ އަމިއްލަ މުސާރަތައްކަމަށް ބުނެ، އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ސުޖާއު އެކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސަރުކާރުގެ ބޭނުމަކީ އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުންގެ އަގު ވައްޓާލުންކަމަށެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ މަސައްކަތެއް ނޫންކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދަށް ފާޑު ވިދާޅުވަމުން ޝުޖާއު ވަނީ އައްސަދަކީ ޤުރުއާން ތަރުޖަމާއިން "ވައްކަންކޮށްފައި" ހުންނެވި މީހެއްކަމަށް ތުހުމަތުކޮށްފައެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި އައްސަދު އޮންނާނީ ޖަލުގައިކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޤުރުއާން ތަރުޖަމާއިން ވައްކަންކޮށްފައި ތިބޭ މީހުން މުޖްތަމަޢުގައި ބައިތިއްބަން ހެޔޮ ނުވާނެކަމަށާއި އެފަދަ މީހުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށެވެ.



އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދަށް އިދިކޮޅު ޕީއެންސީގެ ޑެޕިއުޓީ ލީޑަރު ފާޑުވިދާޅުވެފައިވާއިރު، ގުރުއާން ތަރުޖަމާ ޗާޕްކުރުމުގެ މަސައްކަތުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް އައްސަދުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި އޭނާ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރުއެވެ. އެހެން ނަމަވެސް އޭނާގެ މައްޗަށް އެ މައްސަލާގައި ޖިނާއީ ދަޢުވާ ކުރުމަށްފަހު ފަހުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

އިދިކޮޅު ފަރާތްތަކުގެ އިތުރުން، ސަރުކާރު ހިންގާ އެމްޑީޕީގެ އިސް ބޭފުޅުންވެސް ގެންދަވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެ ފާޑު ކިޔަމުންނެވެ. އަދި އެކޮމިޝަން މިހާރު އުވާލަންޖެހޭކަމަށްވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ރިޔާސީ ކޮމިޝަނެއް، ރައީސް އިބްރާހީމް އުފެއްދެވި ކުރީގެ ސަރުކާރުގެ ޚިޔާނާތާއި ވައްކަމުގެ މައްސަލަތައް ބަލައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ މަގުޞަދުކައި ކަމަށް ވިޔަސް އެކޮމިޝަނަށް "ރިކަވަރވި" އެއްވެސް ފައިސާއެއް އަދި މުދަލެއް ވެސް އަދި ނެތެވެ. މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެކޮމިޝަން އުވާލަން ޖެހޭ ކަމަށް ރައީސް ނަޝީދުވެސް ވަނީ ފާހަގަ ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން