ޓްރާންސްޕޭރެންސީގެ އެޑެއް-
ޓްރާންސްޕޭރެންސީގެ އެޑެއް-
ރާއްޖޭގައި ބޭރުގެ އެކި ފަންޑިންތަކުގެ އެހީގައި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޭންކް އެކައުންޓްތައް ފްރީޒުކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މި އަމުރު ނެރެފައިވަނީ އެ ޖަމިއްޔާއިން ވަކިކުރި މުވައްޒަފަކަށް ދޭންޖެހޭ ބަދަލުގެ ފައިސާ ނަގައިދިނުމަށް ހިންގާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ ތެރެއިންނެވެ.

މި މައްސަލައަކީ ޓްރާންސްޕޭރެންސީގެ ވަޒީފާގައި އުޅުނު އަލީ ޝަރީފު ކިޔާ މުވައްޒަފަކު، އޭނާއާއެކު ގާއިމްކޮށްފައިވާ ވަޒީފާގެ އެއްބަސްވުމާ ހިލާފަށް އެ ޖަމިއްޔާއިން އަމަލުކޮށްފައިވާ ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

އަލީ ޝަރީފަށް އެހެން ޖަމިއްޔާއަކުން ވަޒީފާގެ ފުރުސަތެއް ލިބިގެން އެކަން ޓްރާންސްޕޭރެންސީގެ ވެރިންނަށް އެންގުމުން، އޭނާ ވަޒީފާއިން ވަކިވާނެ ތާރީޚެއްގެ ގޮތުގައި އެއްބަސްވުމާ ހިލާފު ތާރީޚެއް ކަނޑައަޅައި އެހެން މުވައްޒަފުންނަށް އެކަން އަންގާފައިވެއެވެ. މިކަމާ ގުޅިގެން ކުރިމަތިވި ފުރައްސާތަކާއި ތަފާތުކުރުންތަކުގެ ސަބަބުން، ވަޒީފާއިން ވަކިވުމަށް މަޖުބޫރުވެ އޭނާ ވަނީ ނޯޓިސް ދީފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި މައްސަލަ ބަލައި ނިންމާފައިވަނީ އަލީ ޝަރީފު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. އަދި އޭނާ އަލުން ވަޒީފާއަށް ރުޖޫއަކުރުމަށާއި، ވަޒީފާއިން ވަކިވި ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 356,932 ރުފިޔާ ދިނުމަށް ޓްރާންސްޕޭރެންސީގެ މައްޗަށް އަމުރުކުރިއެވެ.

ޓްރައިބިއުނަލްގެ މި ނިންމުން ޓްރާންސްޕޭރެންސީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ވެސް ތާއީދުކުރީ ޓްރައިބިއުނަލްގެ ނިންމުމަށެވެ. އެއާއެކު ސިވިލް ކޯޓަށް ހުށަހެޅި ތަންފީޒީ މައްސަލާގައި، މިދިޔަ މަހު ވަނީ ތިން ދުވަހުގެ ތެރޭގައި އެ ފައިސާ އަލީ ޝަރީފަށް ދިނުމަށް އަމުރުކޮށްފައެވެ.

ނަމަވެސް، ކޯޓު އަމުރާ އެއްގޮތަށް ޓްރާންސްޕޭރެންސީން ފައިސާ ދައްކާފައި ނުވާތީ، އަލީ ޝަރީފުގެ ފަރާތުން މި މަހުގެ 5 ވަނަ ދުވަހު ވަނީ އެ ޖަމިއްޔާގެ އެކައުންޓްތައް ފްރީޒުކޮށްދިނުމަށް އެދިފައެވެ.

އޭނާގެ ވަކީލުންގެ ޓީމުން ބުނީ، ސިވިލް ކޯޓުން މިއަދު ވަނީ އެކައުންޓްތައް ފްރީޒުކުރުމުގެ އަމުރު ނެރެފައި ކަމަށެވެ. މި އަމުރުގެ ދަށުން އެކައުންޓްތަކުން ފައިސާ ނަގައިގެން އަލީ ޝަރީފަށް ހަވާލުކުރުމުގެ މަސައްކަތް ކޯޓުން ކުރިއަށް ގެންދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް