ކަނޑު ފޭރޭ މީހުން
ކަނޑު ފޭރޭ މީހުން
އިންޑިއާގެ މުމްބާއީގެ ޚާއްސަ ކޯޓަކުން، 2024 ވަނަ އަހަރު ކަނޑުފޭރުމުގެ އަމަލުތައް ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި ސޮމާލިއާގެ 44 މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާ މި މީހުންނަކީ، 2024 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިންޑިއާގެ ކަނޑުގެ ސިފައިން ހިންގި ޚާއްސަ ދެ އޮޕަރޭޝަނެއްގައި އަތުލައިގަތް މީހުންނެވެ.

އޭގެތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ކަނޑުފޭރިގަނެފައިވާ އީރާނުގެ މަސްވެރި އުޅަނދެއް ހުއްޓުވުމަށްފަހުގައެވެ. އަދި އަނެއް ބައި މީހުން ހައްޔަރުކުރީ މުދާ އުފުލާ ކާގޯ ބޯޓެއް ހައިޖެކް ކުރުމާ ގުޅިގެންނެވެ.

ޝަރީއަތުގެ މަޖިލީހުގައި މި މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވަނީ، އެ މީހުން އަމިއްލައަށް ކުށަށް އިއުތިރާފުވުމާ ގުޅިގެންނެވެ. ޝަރީއަތް ހިނގަމުންދިޔަ ދުވަސްވަރު އެ މީހުން ކޯޓުގައި ދެއްކި ވާހަކަތަކުގައި، ޖަލުގައި ދެ އަހަރަށްވުރެ ގިނަ ދުވަސް ވާއިރު، ބަހާއި ސަގާފަތާއި، ކެއިންބުއިމުގެ އާދަކާދަ ތަފާތުވުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި އާއިލާގެ އެއްވެސް އެހީތެރިކަމެއް ނުލިބި، ނިކަމެތި ހާލެއްގައި ތިބެންޖެހިފައިވާ ކަމަށް ބުނެ އެ މީހުން ވަނީ ކޯޓުގެ ކިބައިން ލުއި ގޮތަކަށް އަމަލުކޮށްދިނުމަށް އެދިފައެވެ.

ކޯޓުން މި މީހުންގެ މައްޗަށް ހުކުމް އިއްވާފައިވަނީ މެރިޓައިމް އެންޓި-ޕައިރަސީ، އަދި ޓެރަރިޒަމާ ދެކޮޅަށް ހަދާފައިވާ ޤާނޫނުތަކުގެ އިތުރުން، ޤާނޫނުލް އުޤޫބާތުގެ ދަށުން މީހުން މަރަން އުޅުމާއި، މީހުން ރަހީނުކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

މުމްބާއީގެ ޔެލޯ ގޭޓް ފުލުސް ސްޓޭޝަނުން ތަހުގީގުކޮށް ދައުވާ އުފުލުނު މި މައްސަލައަކީ، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިންޑިއާއިން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ހިންގުނު މުހިންމު ޝަރީއަތެކެވެ.



ކިޔުންތެރިންގެ ހިޔާލު