ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ބޭންކުގެ ހިންގުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބަދަލުކުރުމަށްޓަކައި ދުނިޔޭގެ މާލީ ދާއިރާގެ މަޝްހޫރު ސޮފްޓްވެއަރ ކުންފުނި 'ފިނަސްޓްރާ' އާއެކު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ ކޯ ބޭންކިންގ ނިޒާމު ޒަމާނީ ކުރުމަށާއި، ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އިތުރަށް ފުޅާކުރުމަށްޓަކައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމެވެ. މި ބަދަލާއެކު، އައު އީޖާދީ އުފެއްދުންތައް ބާޒާރަށް ނެރުން އަވަސްވެ، ބޭންކުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެގެން ދާނެއެވެ. އަދި ކޮންވެންޝަނަލް ބޭންކިންގގެ އިތުރުން އިސްލާމިކް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

'ފިނަސްޓްރާ އެސެންސް' ޕްލެޓްފޯމް ގާއިމުކުރުމުން ބޭންކަށް ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ އޮޓޮމޭޝަންގެ އެހީގައި މަސައްކަތްތައް ތަރުތީބުކޮށް، މެދުކެނޑުމެއްނެތި އަވަސް ޚިދުމަތެއް ދެވުމެވެ. މީގެ އިތުރުން، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ޚާއްޞަ ޚިދުމަތްތަކެއް ދިނުމަށް ބޭންކުގެ ރިލޭޝަންޝިޕް މެނޭޖަރުންނަށް އިތުރު ފުރުޞަތުތައް ލިބިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ޑިޖިޓަލް ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ސަބަބުން ހަލުވިކަމާއެކު އައު އީޖާދުތައް ތަޢާރަފުކުރުމަށާއި، މުޅި ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޒަމާނީ ބިންގަލެއް އެޅިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފިނަސްޓްރާގެ ޔުނިވަރސަލް ބޭންކިންގގެ އީ.ވީ.ޕީ ޝަވާން ބައިރަން ވިދާޅުވި ގޮތުގައި، ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަނބު ކަމަށްވާ ބީއެމްއެލްގެ ޚިދުމަތްތައް ޒަމާނީ ކުރުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެކެވެ. ބީއެމްއެލް އިން މި ޕްލެޓްފޯމް އިޚްތިޔާރުކުރީ އޭގައި ހިމެނޭ ފުރިހަމަ ޚިދުމަތްތަކާއި، ޓެކްނޮލޮޖީގެ ފަހެލިކަމުގެ އިތުރުން، ފިނަސްޓްރާގެ މަސައްކަތްތަކަށް ބާޒާރުގައި އޮތް އިތުބާރަށް ބިނާކޮށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު