ކ. ހިއްމަފުށި
ކ. ހިއްމަފުށި
ކ. ހިންމަފުށީގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިންގި މާރާމާރީއަކާ ގުޅިގެން، އެ މައްސަލައިގައި ތުހުމަތުކުރެވޭ މިސްރުގެ ދެ މީހަކު ރާއްޖެއިން ފޮނުވާލުމަށް (ޑިޕޯޓުކުރުމަށް) ފުލުހުންގެ އިދާރާއިން މޯލްޑިވްސް އިމިގްރޭޝަނުގައި އެދިއްޖެއެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހިންމަފުށީގައި ބަޔަކު މީހުން މާރާމާރީ ހިންގަމުންދާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އާދީއްތަ ދުވަހުގެ ރޭ 19:24 ހާއިރުއެވެ. މި މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް މައްސަލަ ހުއްޓުވައި، މާރާމާރީއާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ މިސްރުގެ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް ދެ ދުވަހުގެ މުއްދަތެއް ދީފައެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގުން ފާހަގަކުރެވުނު ކަންކަމަށް ރިއާއަތްކޮށް، ފުލުހުން މިހާރު ވަނީ އެ ދެ މީހުން ރާއްޖެއިން ފުރުވާލުމަށް ނިންމާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ތުހުމަތުކުރެވޭ ދެ މީހުން ރާއްޖެއިން ފުރުވާލުމަށްފަހު، ދެން ދުވަހަކުވެސް ރާއްޖެ ނާދެވޭ ގޮތަށް "ބްލެކްލިސްޓް" ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށެވެ. މިއީ ރާއްޖޭގައި އުޅޭ ބިދޭސީން ކުށުގެ ވެށީގައި ބައިވެރިވާ މިންވަރު މަދުކުރުމަށާއި، އާންމު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން އަޅަމުންދާ ފިޔަވަޅެކެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އެ ހާދިސާއާ ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު