ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ސަރުކާރުން 2.4 ބިލިއަން ރުފިޔާ ޗާޕުކޮށްފި ނަމަ ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނަށް ނުއުފުލޭ ވަރުގެ ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެެއްގައި ފައިސަލް ވަނީ ރާއްޖޭގެ މާލީ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާ މިދަނޑިވަޅުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދު ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ބޮންޑު މުއާމަލާތްތަކާ ގުޅިގެން ޕެންޝަން އޮފީހުގެ އިސް ބޭފުޅުންތަކެއް އިސްތިއުފާ ދެއްވަމުން ގެންދަވާ މައްސަލައަށް ފައިސަލް އަލިއަޅުއްވާލެއްވިއެވެ.

"ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ ބައެއް ބޭފުޅުން މީގެ ކުރިން ވެސް އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޕެންޝަން އޮފީހުގެ ބައެއް ބޭފުޅުން އަނެއްކާ ވެސް އިސްތިއުފާ ދެއްވުމަކީ ކަންބޮޑުވާ ކަމެއް،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ފައިސާ ޗާޕުކުރުމުގެ މުއާމަލާތް ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، މާލީ ދާއިރާގެ އެތައް ބަޔަކު ދަނީ އެކަމުގެ ނުރައްކަލާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭނާ ވިދާޅުވީ 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމަކީ މުދަލުގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުންނަށް އެތައް ތަކުލީފެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފައިސަލް ވަނީ، އިނދަޖެހެމުންދާ ގައުމުގެ އިގްތިސާދު ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދު ހޯދުމަށް ގޮވާލައްވާފައެވެ. އަދި މިފަދަ ނުރައްކާތެރި ނިންމުންތައް ނިންމުމުގެ ބަދަލުގައި، އިގްތިސާދު ރަނގަޅު ކުރުމަށް ވިސްނުންތެރިކަމާއި ހަމަބުއްދި އިސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފައިސަލް އިލްތިމާސް ކުރެއްވިއެވެ.



ފައިސަލް މިމޭރުމުން ވާހަކަދައްކަވާފައި މިވަނީ މިއަދުގެ ވަގުތެއްގައި ޕެންޝަން އޮފީހުގެ ހެޑް އޮފް އިންވެސްޓުމަންޓްގެ މަގާމުގައި ހުންނެވި ހައިފާ އަހުމަދާއި އެ އޮފީހުގެ މެނޭޖްމަންޓް ލެވެލްގެ މަގާމެއްގައި ހުރި ދެ މުވައްޒަފަކު ވަނީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި ތިން ބޭފުޅުން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ޕެންޝަން އޮފީހުން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މި ތިން އިސްތިއުފާ ގޮސް ގުޅެނީ ބޮންޑު ގަތުމުގެ މުއާމަލާތާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މި މައްސަލައިގައި މީގެ ކުރިން ވެސް ޕެންޝަން އޮފީހުގެ ސީއީއޯ އަދި ސީއެފްއޯގެ އިތުރުން ބޯޑުގެ ޗެއަރމަން އާއި ބައެއް މެންބަރުން ވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު