ބެނީން އެއާޕޯޓަށް ޖެއްސި އެނުގޫ އެއަރގެ މަތިންދާބޯޓް: ދަތުރުކުރި 68 ފަސިންޖަރުންނަށް އެއްވެސް ގެއްލުމެއް ނުވޭ
ބެނީން އެއާޕޯޓަށް ޖެއްސި އެނުގޫ އެއަރގެ މަތިންދާބޯޓް: ދަތުރުކުރި 68 ފަސިންޖަރުންނަށް އެއްވެސް ގެއްލުމެއް ނުވޭ
ބެނީން އެއާޕޯޓަށް ޖެއްސުމުގެ ތެރޭގައި މަތިންދާބޯޓެއް ރަންވޭއިން ކަސިޔާރުވުމުގެ ނުރައްކާތެރި ހާދިސާއެއް ބުރާސްފަތި ދުވަހު ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެނޫގޫއިން ފުރައިގެން ބެނީން މަގުން ލާގޯސްއަށް ދަތުރުކުރި ޝެޑިއުލް ފްލައިޓަކަށެވެ. ރަޖިސްޓްރީ ނަންބަރު 5N-ENR ޖަހާފައިވާ މި ބޯޓު ރަންވޭއިން ކަސިޔާރުވިއިރު، އޭގައި 68 ފަސިންޖަރުންނާއި ކްރޫއިން ތިއްބެވެ. އެއާޕޯޓުގެ މުުއައްސަސާތަކުން މައުލޫމާތު ދޭ ގޮތުގައި، ބޯޓު ރަންވޭއަށް ޖެއްސުމަށްފަހު ފަންނީ މައްސަލަތަކެއް ދިމާވުމާއެކު، އިމަޖެންސީ ޓީމުތަކުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.

ހާދިސާ ހިނގި ވަގުތު އެއާޕޯޓުގެ ކަމާބެހޭ އޮފިޝަލުންނާއި ކުއްލި ހާލަތްތަކުގައި އެހީތެރިވާ ފަރާތްތަކުން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް، އޭގައި ތިބި އެންމެން ރައްކާތެރިކަމާއެކު ބޯޓުން ބާލާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބޯޓު އޮތީ ރަންވޭގެ ދުވާރުން ބޭރުގައި ކަސިޔާރުވެފައެވެ.

މި ހާދިސާ ދިމާވާން މެދުވެރިވި ސީދާ ސަބަބު ކަމާބެހޭ އިދާރާތަކުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ. ނަމަވެސް، ބޯޓަށް ލިބުނު ގެއްލުންތައް ބަލައި، ހާދިސާ ހިނގަން މެދުވެރިވި ގޮތް ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ބެލެވެއެވެ.

އުފާވެރި ޚަބަރަކީ، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތައް އެއާލައިނުންނާއި އޭވިއޭޝަން ދާއިރާގެ އިދާރާތަކުން ކުރިއަށް އޮތް ވަގުތުތަކުގައި ހާމަކުރާނެ ކަމަށް އުންމީދު ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު