ޖޭއެސްސީގެ ތަޙުޤީޤެއް ކުރިއަށް ދަނީ
ޖޭއެސްސީގެ ތަޙުޤީޤެއް ކުރިއަށް ދަނީ
ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ވަނީ، އެ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ ދަށުން ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު 60 ދުވަހަށް ސަސްޕެންޑް ކުރުމަށް ކޮމިޝަންގެ 78 ވަނަ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަގާމުން ވަކި ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ. އަދި އެ މައްސަލަ ދިރާސާ ކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވާފައެވެ.



ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ޝުކޫރު ވަކިކުރަން މަޖިލީހަށް ފޮނުވަން، މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާއިން ނިންމީ އޭނާ ގއ. ވިލިނގިލީ ކޯޓުގައި މަސައްކަތް ކުރިއިރު އޭނާއާ ގާތް ގުޅުމެއް އޮންނަ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެއް ކޯޓުގައި ހިނގި ދުވަހަކު ތުހުމަތު ކުރެވޭ މީހާގެ ވަކީލާ ރެސްޓޯރެންޓެއްގައި ބައްދަލުކޮށް، އެ ވަކީލު ދިން ސިޓީ އުރައަކާ ހަވާލުވިކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވާތީ ކަމަަށެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިއާސީ އިންތިޚާބުގެ ދުވަސްވަރު އެހެން ފަނޑިޔާރުންތަކަކާ ވިލިނގިލީގައި ބޭއްވި ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވެ، ރިއާސީ ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަވާ ގޮތަށް ވާހަކަ ދެއްކުމާއި ވޯޓު ހޯދަން އޭނާ މަސައްކަތްކޮށް އަދި އިންތިޚާބުގެ ތެރޭގައި ކެފޭއެއްގެ ތެރޭގައި ސިޔާސީ ވާހަކަތަކެއް ދައްކައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދައިދޭން އޭނާ އެދިފައިވާ ކަން ތަހުގީގަށް ސާބިތުވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އޮގަސްޓް، 2018 ގައި ގއ. ކޮލަމާފުށިން ޓެރަރިޒަމްގެ ތުހުމަތެއްގައި ހަައްޔަރުކުރި ބައެއް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމުގެ ކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުގައި، އެ މީހުންގެ ބަންދާ މެދު ނިންމާނެ ގޮތް އިސް މެޖިސްޓްރޭޓް ޝުކޫރު ފުލުހުންނާ ވަނީ ހިއްސާކޮށްފަ އެވެ. އެ އަމަލުތަކަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ޚިލާފް އަމަލުތަކެއް ކަމަށާއި އެހެންވެ، އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އިސް މެޖިސްޓްރޭޓް ޝުކޫރު ވަކިކުރަން ފޮނުވިއިރު، އޭނާއަށް ތުހުމަތު ކުރެވޭ އެހެން މައްސަލަތަކެއް ވެސް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ކޯޓު އަމުރު ފުލުހުންނަށް ދިނުމުން ކުށުގެ ވެއްޓަށް ފުލުހުން ދާއިރު، އެ މައުލޫމާތު ކުރީ ބައިގައި ލީކުވެ، ހެކި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ އާއި މަސްތުވާތަކެތީގެ ތުހުުމަތު ކުރެވޭ ބައެއް މީހުންނާ ގާތް ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ވިލިނގިއްޔަށް ނިސްބަތްވާ ބައެއް މީހުންނަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ ބައެއް މައްސަލަތަކާއި އެހެން ކުށްކުށުގެ މައްސަލަތައް ސާބިތުނުވާ ކަމަށް ނިންމާ ކަމަށް ބުނާ މައްސަލައަކާއި އިންސާފު ގާއިމްކުރަން ހުރަސް އެޅޭ އަމަލުތަކެއް ކުރާ ކަމަށް ބުނާ މައްސަލައެއް ވެސް އިސް މެޖިސްޓްރޭޓް ޝުކޫރާ ގުޅޭގޮތުން ބަލަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ހެކި ހުންނަ ހާލަތްތަކުގައި ވެސް، ބައެއް މީހުން ބަންދުން ދޫކޮށްލަން އަމުރު ކުރުމުގައި ރިޝްވަތު ނެގި ކަމަށް ބުނާ މައްސަލަ އަކާއި ފުލުހުން ކޯޓަށް ހާޒިރުކޮށް، އިންޒާރު ދިން މައްސަލައަކާއި ކޯޓަށް ހާޒިރުވާ ފުލުހުންނަށް ޖެއްސުން ކުރުމާއި ތުހުމަތު ކުރެވޭ މީހުންގެ ކުރިމަތީގައި ފުލުހުންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނާ މައްސަލައެއް ވެސް އޭނާއާ ގުުޅޭގޮތުން ބަލަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެކުރިން ވެސް ބައެއް މެޖިސްޓްރޭޓުންނާއި ދަށު ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވާފައިވެ އެވެ. އެކަމަކު މަޖިލީހުން އެގޮތަށް ފާސް ކުރުމުގެ ކުރިން ގިނަ ބޭފުޅުން ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން