ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފުކުރުން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފުކުރުން
ރާއްޖޭގެ ސަފާރީ އުޅަނދުފަަރު ނުވަތަ ލިވަބޯޑް ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހާއްސަކޮށްގެން "ލިވަބޯޑް ފައިނޭންސް" ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ފައިނޭންސިންގ ފެސިލިޓީއެއް ތައާރަފުކޮށްފިއެވެ.

މިއީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތަ ގެ އިންޓްރެސްޓް ރޭޓުގައި ދޫކުރާ ފެސިލިޓީއެކެވެ.

މި ފެސިލިޓީއަކީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށާއި، ބޭނުންވާ ތަފާތު ވަސީލަތްތައް ހޯދުމަށް ދޫކުރެވޭ ފެސިލިޓީއެކެވެ. މީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދު ކަމަށްވާއިރު، އިތުރު ރަހުނެއް ބޭނުމެއް ނުވާނެއެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 7 އަހަރާ ހަމައަށް މުއްދަތު ލިބޭއިރު، އަނބުރާ ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައި، އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ޑޮލަރުންނެވެ.

މި ފެސިލިޓީ ތައާރަފުކުރުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލިވަބޯޑް އުޅަނދުތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭ މުހިންމު ދާއިރާއެއް ކަމަށެވެ. އަދި މި ފެސިލިޓީއަކީ ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ޚަރަދުތައް ހިނގާ ގޮތަށް ބަލައިގެން ހާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތެއް ކަމަށާއި، މީގެ ސަބަބުން އޮޕަރޭޓަރުންނަށް ވިޔަފާރި ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ފުރުސަތާއި އިތުބާރު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ފައިނޭންސިންގެ ސަބަބުން ފްލީޓް އާކުރުމަށާއި ފުޅާކުރުމަށް ބޭނުންވާ ތަޖުރިބާކާރު އޮޕަރޭޓަރުންގެ އިތުރުން، އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް ރައުސްމާލު ހޯދުމަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި އަދި ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަރާތްތަކަށް ޒަމާނުއްސުރެ މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ މާލީ ބައިވެރިއެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް