ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް
ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް
ސަރުކާރުން ފެންކުންފުނި، އެމްޑަބްލިއުއެސްސީއާއި ހަވާލުކުރަން ނިންމާފައިވާ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ ޕްރޮޖެކްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި، އަމިއްލަ ކޮންޓެކްޓަރުންނަށް ދޫކޮށްލަން ނިއްމައިފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވީ، 35 ޕްރޮޖެކްޓްގެ މަސައްކަތް އެމްޑަބްލިއުއެސްސީ އާއި ހަވާލުކުރުމަށް މީގެ ކުރިން ނިއްމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ މިހާރުގެ ވިސްނުމަކީ މިހާރުގެ ހާލަތަށް ބެލުމަށްފަހު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޕްރޮޖެކްޓް އެ ކުންފުންޏާއި ހަވާލުކުރުމަށްފަހު ބާކީހުރި ޕްރޮޖެކްޓްތަށް ހިންގުމަށް އަމިއްލަ ކޮންޓެކްޓަރުންނަށް ފުރުސަތު ހުޅުވާލުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެމަސައްކަތަށް ޓެންޑަރ ޑޮކިއުމަންޓެއް ހެދުމުގެ މަސައްކަތް މިދަނީ ކުރަމުން، އެއީ މިދިޔަ ހަފުތާގައި ނެގި ޑިޝިޝަނެއް އެމްޑަބްލިއުއެސްސީ އެބައޮތް 35 ރަށައްވެސް ވަނީ ކޯޓޭޝަން ދީފައި، އެހެން ނަމަވެސް ސަރުކާރުން ނިއްމާފައިވަނީ މި ހާލަތުގައި އެހެން ކޮންޓެކްޓަރުންނަށް ފުރުސަތު ދޭން އެބަޖެހޭ ކަމަށް." ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަހަރުގެ ނިމުމުގެ ކުރިން ރަށްރަށުގައި ހިންގާ 35 ޕްރޮޖެކްޓްގައި ސޮއިކުރެވޭވަރު ވާނެ ކަމަށެވެ.

"ލ.ހިތަދޫ ހިމެނެނީ އެހެން ކޮންޓެކްޓަރުން ލައްވައި މަސައްކަތް ކުރަމުންދާ ރަށްތަކުގެ ލިސްޓުގައި. އިރާދަކުރެއްވިޔާ އެމަސައްކަތް ކުރާނެ ކޮންޓެކްޓަރުން ލިބޭނެ، ނުލިބިއްޖެއްޔާ، އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން އެއްގޮތް ނެތިއްޔާ އަނެއްގޮތަކުން ވެސް ސަރުކާރުން އެކަން ކުރާނެ." މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން