ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ
ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލީހަށް ހުށައެޅީ 11 މެމްބަރުންގެ ސޮޔާއެކުއެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީގައި ހިނގި ހާދިސާއަކީ މާބޮޑު ކަމަކަށް ނުވާކަހަލަ ގޮތަކަށް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވާފައިވާތީއާއި އޭނާ ގާނޫނު އަސާސީ އާއި ޚިލާފުވެވަޑައިގެންފައި ވާތީ ކަމަށެވެ .އަދި އެކަންތައްތަކަށް ބަލައި އިމްރާން މިހާރު އެ މަޤާމުގައި ހުންނެވުމަށް ކުފޫ ހަމަވާކަމަކަށް އިދިކޮޅު ކޯލިޝަނުން ނުދެކޭ ކަމަށާއި އެހެން ކަމުން އިމްރާން ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް މިއަދު ހުށަހަޅާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅުން ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ހުށައެޅީ އަދުލް އިންސާފު ގާއިމްކުރުމާއި ގާނޫނު ނަގަހައްޓައި ތަންފީޒުކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރުގެ ގާބިލްކަމާއި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭތީ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، 11 ބޭފުޅުންގެ ސޮޔާއި އެކު އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް، އިމްރާނަށް އިތުބާރު ނުކުރައްވާ އިތުރު މެމްބަރުންތަކެއް މަޖިލީހުގައި ތިއްބެވި ކަމަށެވެ.

 މަޖިލީހުގެ ޤަވާއިދު ބުނެފައިވަނީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން 10 މެމްބަރުންގެ ސޮއި ބޭނުންވާނެ ކަމަށެވެ. އިދިކޮޅުން 11 މެމްބަރެއްގެ ސޮޔާއެކު މަޖިލީހަށް މައްސަލަ ހުށައަޅާފައިވާއިރު އެމައްސަލައިގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ 9 މެމްބަރުންގެ އިތުރުން ދެން އެ މައްސަލާގައި ސޮއި ކުރައްވާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު ނަސީމެވެ.

އެ ދެ ބޭފުޅުންނަކީވެސް މިނިވަން ދެ މެމްބަރުން ކަން ފާހަގަކޮށްލެވެއެވެ. ޝިޔާމް ވަނީ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރި މިނިވަން ދެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން