ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް، އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ) ގެ ޗެއާމަންކަމުގެ މަޤާމަށް އައްޔަންކޮށްފިއެވެ. މިއީ ސަރަޙައްދީ ފެންވަރުގެ މި މުހިންމު މަޤާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

އޭބީއޭގެ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، ޝަރީފް މި މަޤާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ.

މުޙައްމަދު ޝަރީފަކީ މީގެ ކުރިންވެސް އޭބީއޭގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2018 އިން 2020 އަށް އެ ޖަމިއްޔާގެ ވައިސް ޗެއާމަންގެ މަޤާމު ފުރުއްވައި، ސަރަޙައްދީ ބޭންކުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ޖަމިއްޔާގެ އަމާޒުތައް ހާސިލުކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. އެމަނިކުފާނުގެ ޤާބިލުކަމާއި ލީޑަރޝިޕަށް އޮތް އިތުބާރުގެ ބޮޑުކަމުން، 2025 ވަނަ އަހަރު އަލުން ވައިސް ޗެއާމަންގެ މަޤާމަށް އައްޔަންކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި އައްޔަންކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އޭބީއޭގެ ބޯޑާއި މެންބަރު ބޭންކުތަކުން އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ. އަދި އޭޝިއާގެ ބޭންކިންގ ސިނާއަތް ކުރިއެރުވުމަށާއި ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ބޯޑާއި ސެކްރެޓޭރިއަޓާ ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޭބީއޭގެ ސެކްރެޓަރީ ޓްރެޜަރާ ޑރ. ޑަރސަން ޗިއު ވަނީ ޝަރީފްގެ ތަޖުރިބާއަށް ތަޢުރީފުކުރައްވައި، އޭނާގެ ލީޑަރޝިޕްގައި އެސޯސިއޭޝަނަށް އިތުރު ކުރިއެރުންތައް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަޙައްދުގެ ބޭންކިންގ ދާއިރާގެ އެންމެ ނުފޫޒުގަދަ އެއް ޖަމިއްޔާއެވެ. މި ޖަމިއްޔާއިން ދަނީ ސަރަޙައްދީ މާލީ ސިޔާސަތުތައް ބައްޓަންކުރުމާއި، ބޭންކުތަކުގެ މެދުގައި އެންމެ ފަހުގެ އުސޫލުތައް ހިއްސާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސްއަށާއި ރާއްޖޭގެ މާލީ ދާއިރާއަށް ލިބުނު ފަޚުރުވެރި ކާމިޔާބީއެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެންބަރު 1 އިން 3 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ބީއެމްއެލްގެ ފަރާތުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް