ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު (ކ) ރައީސް މައުމޫން އަބުދުލްގައްޔޫމް (ވ)
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު (ކ) ރައީސް މައުމޫން އަބުދުލްގައްޔޫމް (ވ)
ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދަރަންޏަށް 29 މިލިއަން ރުފިޔާ ނެގި ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.

އޮންލައިންކޮށް ސިވިލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ރައީސް މައުމޫންގެ ބަދަލުގައި ވަކާލާތު ކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލް މުހައްމަދު ފައިސަލެވެ. މިއަދުގެ އަޑުއެހުމުގައި ޖާބިރުގެ ފަރާތުން ވަނީ ރައީސް މައުމޫން ޝަރީއަތަށް ހާޒިރު ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ހާޒިރުކޮށް ހަތިމްގައި އަތްލައިގެން ހުވާ ކުރައްވައިގެން ހުންނެވުމަށް ފަހު ހަގީގަތް ވިދާޅުވުމަށް ގާޒީގެ ކިބައިން ޖާބިރު އެދިވަޑައިގެންނެވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ލޯނު ދެއްވުމުގެ މުއާމަލާތުގައި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ މުއާމަލާތުގެ މަޝްވަރާތަކުގައި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ރައީސް މައުމޫންގެ ބަދަލުގައި ވަކީލަކު ފޮނުއްވާފައިވާއިރު، އަޑުއެހުމަށް އެމަނިކުފާނު ހާޒިރުވުމަށް ނޭދެވޭނެ ކަމެވެ. ޖާބިރަށް ރައީސް މައުމޫން ހާޒިރު ކުރެވޭނީ ހެއްކެއްގެ ގޮތުގައި އެމަނިކުފާނު ހުށަހެޅުމުން ކަމަށް ގާޒީ ވިދާޅުވިއެވެ. ރައީސް މައުމޫންގެ ވަކީލު މުހައްމަދު ފައިސަލް ވަނީ ރާއްޖޭގައިވެސް އެހެން ގައުމެއްގައިވެސް ޖާބިރު ވިދާޅުވާ މުއާމަލާތެއް، ހިނގާފައި ނުވާ ކަމަށް ވިދާޅުވެ އޭނާގެ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.

މިއަދުގެ އަޑުއެހުން ނިއްމާލައްވަމުން އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ މައްސަލަ ނިންމުމަށް ބޭއްވޭ އަޑުއެހުން ކަމަށް ގާޒީ ވަނީ އިއުލާން ކުރައްވާފައެވެ. ޖާބިރު އަތުން މައުމޫން ނެންގެވި ކަމަށް ބުނާ ފައިސާ އަނބުރާ ދައްކަވާފައި ނުވާ ކަމަށް ބުނެ ޖާބިރު އެ މައްސަލަ ފުލުހަށްވެސް ވަނީ ހުށައަޅާފައެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ހެކި ނެތް ކަމަށް ބުނެ ފުލުހުން މައްސަލަ ބަލާފައެއް ނުވެއެވެ. އެހެން ނަމަވެސް ހެއްކާ އެކު ކަމަށް ވިދާޅުވެ ދެވަނަ ފަހަރަކުވެސް ޖާބިރު އެ މައްސަލަ ފުލުހުންނަށް ހުށައެޅުއްވިއެވެ. އެމައްސަލައިގައި ރައީސް މައުމޫން ފުލުހަށް ހާޒިރުކުރުމަށް ޖާބިރު އެދިވަޑައިގެންނެވިއެވެ. އޭގެފަހުން އޭނާގެ މަންމަގެ އެދުމުުގެ މަތިން ކަމަށް ވިދާޅުވެ އެ މައްސަލައިގައި ރައީސް މައުމޫނަށް މައާފް ކުރައްވައި ދަރަނި މައާފް ކުރި ކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން