އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތާޢީދުނުކުރާނެކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ހާމަކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާކަން އިއުލާންކުރެއްވުމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެމައްސަލައަށް އެމްޑީޕީން ތާޢީދުނުކުރާނެކަމަށެވެ. އާޒިމް ވިދާޅުވީ އެމްޑީޕީން ސަރުކާރު ދިފާޢު ކުރާނެކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލަ ނާކާމިޔާބުކޮށްލާނެކަމަށެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރުގެ ބައިވެރިއެއް. އަބަދުވެސް ކަމަކަށް ނުކުންނައިރު އެޖެންޑާއެއްއޮވޭ. އެއްވެސް ޕާޓީއަކުން އުއްމީދުކޮށްގެން ނުވާނެ ކޮންމެ ފަހަރަކު ހުސްބުޅީގައި ގަންނާނެކަމަށް. އެޖެންޑާއިން ބޭރުން ހުސްބުޅީގަ ކަންކަން ވާނެކަމަށް. ސަރުކާރާއި އިތުބާރު ނެތްކަމަށް ދެއްކުމަށް، ވާދަވެރިފަރާތްތަކުގެ އަދަދު އޮތްކަން ފެނޭ އެއްޗެހި ހުށައަޅާއިރު." ޢަލީ އާޒިމް ވިދާޅުވިއެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލީހަށް އިއްޔެ ހުށައެޅީ 11 މެމްބަރުންގެ ސޮޔާއެކުއެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީގައި ހިނގި ހާދިސާއަކީ މާބޮޑު ކަމެއް ނޫންކަމަށް ވިދާޅުވެ މިނިސްޓަރު އިމްރާން ވާހަކަ ދައްކަވާފައިވާތީ އޭނާ ގާނޫނު އަސާސީ އާއި ޚިލާފުވެވަޑައިގެންފައި ވާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އިދިކޮޅުން ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ހުށައެޅީ އަދުލް އިންސާފު ގާއިމްކުރުމާއި ގާނޫނު ނަގަހައްޓައި ތަންފީޒުކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރުގެ ގާބިލްކަމާއި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭތީ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، 11 ބޭފުޅުންގެ ސޮޔާއި އެކު އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ނަމަވެސް، އިމްރާނަށް އިތުބާރު ނުކުރައްވާ އިތުރު މެމްބަރުންތަކެއް މަޖިލީހުގައި ތިއްބެވި ކަމަށެވެ. އިދިކޮޅުން ހުށައެޅި މިމައްސަލާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ 9 މެންބަރުންނާއި، މިނިވަން ދެ މެންބަރުންކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވެސް ވަނީ ސޮއިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން