ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް
ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ހުރިހާ ބޭފުޅުން މަގާމުތަކުން ވަކިކުރިނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއިދުކުރުން މަތީ ދެމިތިބޭނެ ކަމަށް އެޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުހަންމަދު އިޔާޒް އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ތަމްސީލް ކުރައްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ. އެމައްސަލައިގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަތިން ފޮނުވަން ޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދު ފޮނުވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ހާމަކުރައްވާފައެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުހަންމަދު އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީ އެމްޑީޕީ ކޯލިޝަނާއި ގުޅިފައިވަނީ ވަކި މީހަކަށް މަގާމު ހޯދައިދިނުމަށް ނޫން ކަމަށެވެ.

"މަގާމުތަކުގައި ތިބި އަދާލަތު ޕާޓީގެ ހުރިހާ މެމްބަރުން ވަކި ކުރިނަމަވެސް އިސްލާމްދީނާއި ގައުމަށް ނިކަމެތި ކަމެއް ނުދޭހާ ހިނދަކު ރައީސް އިބްރާހިމްގެ ސަރުކާރަށް ތާއިދުކުރާނަން." ރައީސް އިބްރާހިމް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ޑރ.މުހަންމަދު އިޔާޒް ވިދާޅުވިއެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން މިހާރު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އެޕާޓީން ތާއިދު ނުކުރާކަން ހާމަކޮށްފައެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅީ 11 މެމްބަރެއްގެ ސޮޔާއެކުއެވެ. އެމައްސަލައިގައި ސޮއިކުރީ އެ ކޯލިޝަނަށް ނިސްބަތްވާ 9 މެމްބަރަކާއި އަމިއްލަ 2 މެމްބަރެކެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީގައި ހިނގި ހާދިސާއަކީ މާބޮޑު ކަމަކަށް ނުވާކަހަލަ ގޮތަކަށް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވާފައިވާތީއާއި އޭނާ ގާނޫނު އަސާސީ އާއި ޚިލާފުވެވަޑައިގެންފައި ވާތީ ކަމަށެވެ .އަދި އެކަންތައްތަކަށް ބަލައި އިމްރާން މިހާރު އެ މަޤާމުގައި ހުންނެވުމަށް ކުފޫ ހަމަވާކަމަކަށް އިދިކޮޅު ކޯލިޝަނުން ނުދެކޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅުން ހުށައެޅި މައްސަލައިގައި ބުނެފައިވަނީ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ފާސް ކުރަން ހުށައެޅީ އަދުލް އިންސާފު ގާއިމްކުރުމާއި ގާނޫނު ނަގަހައްޓައި ތަންފީޒުކުރުމުގެ ޒިންމާ އުފުއްލަވާ ވަޒީރުގެ ގާބިލްކަމާއި އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭތީ ކަމަށެވެ.

ގާނޫނުއަސާސީގައި ބުނަނީ 10 މެންބަރުންގެ ސޮޔާއެކު ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅޭނެ ކަމަށެވެ. އަދި އެ ވަޒީރަކަށް ޖަވާބުދާރީވާން 14 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން