ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
މަޖިލީހުން ސަރުކާރަށް ލަފާދެނީ ދަރަނިތައް ރިސްޓްރަކްޗާ ކުރުމަށް ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ މަޖިލީހުން ސަރުކާރަށް ލަފާދެނީ ދަރަނިތައް ރިސްޓްރަކްޗާ ކުރުމަށް ކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށެވެ. އެކަމަށް ޓަކައި ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ދަރަނި އަނބުރާ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކޭނެ ވާހަކަ ސާފުކޮށް ބުނުން ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދަރަނި ދޫކުރި ގައުމުތަކަށާއި ބޭންކްތަކަށް އެ ހާލަތުގައި އޮންނާނީ ދެ ގޮތެއް ކަމަށެވެ.

އެއް ގޮތަކީ ހަރުމުދާ ދޭން އެންގުން ކަމަށާއި އަނެއްގޮތަކީ ހަރުމުދާ ބަލާ އައުން ކަަމަށާއި އެހެން އެކަން ވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޗައިނާ އިން ނަގާފައިވާ ދަރަނިތައް ނުދެއްކުނު ނަމަވެސް ހަރުމުދާ ބަލާ ނާންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ހަރުމުދާ ބަލައެއް ޗައިނާގެ ކޮމާޝަލް ބޭންކަކުން އައުމަށް އޮތް ޖާގައެއް ފުރުސަތެއް އަދި މި ވަގުތަކު އެއީކީއެއް ވެދާނެ ކަމެއްގެ ގޮތުގައެއް ނުފެނޭ. ދެން އެއީ ގައުމުތަކުން ދެކޭ ގޮތެއް ވެސް ނޫން." މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ ޗައިނާއިން ނަގާފައިވާ ލޯނުތައް ނުދެއްކިއްޖެ ނަމަ އެ ގައުމުން ރާއްޖޭގެ ރަށްތައް އަތުލާނެ ކަމަށެވެ. ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށް ވެސް ތަކުރާރުކޮށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ޖެހޭ އަދަދަށް ބަދަލު ގެނައުމާއި އިންޓަރެސްޓް ރޭޓް ދަށްކުރުމާއި ގްރޭސްޕީރިއަޑް ދިގުކުރުން ފަދަ ކަންތައްތައް ދަރަނި  ރިސްޓްރަކްޗާ ކުރުމުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އެގޮތަށް ކަންތައް ކުރުމަށް ޓަކައި ކުރަން ޖެހޭނެ ކަމަކީ ދަރަނި ދޫކޮށްފައިވާ ގައުމުތަކާއި ބޭންކްތައް މަޝްވަރާއަށް ގެނައުން ކަމަށާއި މަޝްވަރާއަށް އަންނާނީ ޝެޑިއުލްއާ އެއްގޮތަށް ދަަރަނި އަނބުރާ ނުދެއްކޭނެ ކަމަށް ބުނުމުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެ އިގްތިސާދު ދަށްވުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު އާމްދަނީ ނުލިބޭނެ ކަމަށް މިހާރު ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރުން ފެށިގެން ގިނަ ލޯނުތަަކަކަށް ފައިސާ ދައްކަން ފަށަން ޖެހެއެވެ. އެހެންކަމުން ދަރަނި އަނބުރާ ދެއްކޭނެ ގޮތެއް ހޯދަން މުޅި މަޖިލީހުގެ ކޮމިޓީއަކުން މިހާރު ވަނީ ދިރާސާ ކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން