ބީއެމްއެލް އިސްނަގައިގެން ހިންގި ޕްރޮޖެކްޓެއްގެ ތެރެއިން
ބީއެމްއެލް އިސްނަގައިގެން ހިންގި ޕްރޮޖެކްޓެއްގެ ތެރެއިން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓުގެ ދަށުން، ރާއްޖޭގެ ތަފާތު ރަށްރަށުގައި ތައުލީމީ އަދި ތިމާވެށްޓާ ގުޅުންހުރި ކަންކަމަށް އެހީތެރިވުމުގެ ގޮތުން މުވައްޒަފުން އިސްނަގައިގެން ހިންގި ހަތް ޕްރޮޖެކްޓެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.



މި ގްރާންޓަކީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، މުވައްޒަފުން އިޖުތިމާއީ ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި 2025 ވަނަ އަހަރު ތައާރަފުކުރި ގްރާންޓެކެވެ. މި އިނިޝިއޭޓިވްގެ ދަށުން ބީއެމްއެލްގެ މުވައްޒަފުން ވަނީ ސްކޫލްތަކާއި، ކައުންސިލްތަކާއި، އިޖުތިމާއީ ޖަމިއްޔާތަކާ ގުޅިގެން ތައުލީމާއި ތިމާވެށްޓަށް ހާއްސަ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.



ތައުލީމީ ދާއިރާއިން ނިންމާލި މަޝްރޫއުތަކުގެ ތެރޭގައި ސ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ފޮތް ކިޔުމަށް ހާއްސަ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެވެ.

ބީއެމްއެލް މީދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ހިންގި މި މަޝްރޫއުގެ ދަށުން، ސްކޫލް ގޯތިތެރޭގައި ފޮތްކިޔުމާއި ގްރޫޕް ސްޓަޑީ ހެދުމަށް ހާއްސަކޮށް، ހިޔާކޮށްފައިވާ ބެންޗާއި މޭޒު ވަނީ ބަހައްޓާފައެވެ. މީގެއިތުރުން، ބީއެމްއެލް ގުރައިދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދަރިވަރުންނަށް ރައްކާތެރިކަމާއެކު ކުޅެވޭނެ ވަސީލަތްތަކާއެކު ހާއްސަ ކުޅޭ ސަރަހައްދެއް ވަނީ ގާއިމުކޮށްފައެވެ.



އަދި ބީއެމްއެލް ގައްދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން ގދ. އަތޮޅު ސްކޫލު ގޯތިތެރޭގައި ދަރިވަރުންނާއި، މުވައްޒަފުންނާއި، ބެލެނިވެރިން އަދި ސުކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިށީންނާނެ ބެންޗުތަކެއް ބަހައްޓައި، މަޑުކުރުމަށް ހާއްސަ ސަރަހައްދެއް ވަނީ ތައްޔާރުކޮށްފައެވެ.

ސިއްހީ އަދި މަތީ ތައުލީމުގެ ދާއިރާއިން ބީއެމްއެލްގެ މުވައްޒަފު ހުސައިން އަލީ އިސްނަގައިގެން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން އަދި ދަރުމަވަންތަ ހޮސްޕިޓަލާ ގުޅިގެން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި 'ސްޓޫޑަންޓް ރިސޯސް ހަބެއް' ގާއިމުކޮށްފައެވެ.

މި ހަބަކީ މެޑިކަލް ދަރިވަރުންނަށް ހާއްސަކޮށް މެޑިކަލް ފޮތްތަކާއި، ޑިޖިޓަލް އުނގެނުމުގެ ވަސީލަތްތަކާއި، މައިކްރޯސްކޯޕް އަދި އެހެނިހެން ރިސޯސްތައް ހިމެނޭހެން ގާއިމުކުރެވުނު ތަނެކެވެ.

މީގެއިތުރުން، ބީއެމްއެލްގެ މުވައްޒަފު މަރިޔަމް ހާނީ އިސްނަގައިގެން، މުރައިދޫ ސުކޫލުގެ ޕީޓީއޭއާ ގުޅިގެން ހއ. މުރައިދޫ ސުކޫލުގެ މުހިންމު ސަރަހައްދުތަކަށް ފަސޭހައިން އަދި ރައްކާތެރިކަމާއެކު ދެވޭނެ ގޮތަށް ހިނގާ މަގެއް (ވޯކްވޭ) ވަނީ ގާއިމުކޮށްފައެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ހިންގުނު މަޝްރޫއުތަކުގެ ތެރޭގައި، ބީއެމްއެލްގެ މުވައްޒަފުން ކަމަށްވާ އަހުމަދު މާއިދު މޫސާ، މުހައްމަދު ލޫތު ޚުޝާމް އަދި އާމިނަތު އިސްރާ ޖައުފަރު އިސްނަގައިގެން ހިންގި 'މުރަކަ މުރާސިލް ސިޓިޒަން ސައިންޓިސްޓްސް' މަޝްރޫއު ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން މުރަކަ ފަރުތައް ދިރާސާކުރުމަށް ބޭނުންކުރާ 60 ޓޫލްކިޓާއި އޮންލައިން ޑޭޓާ ޕްލެޓްފޯމެއް އުފައްދައި، ފަރުތަކުގެ މައުލޫމާތު އެއްކުރުމަށް މަދުވެގެން 20 ސިޓިޒަން ސައިންޓިސްޓުން ވަނީ ތަމްރީނުކޮށްފައެވެ. އަދި ބީއެމްއެލް ކުޑަހުވަދޫ ބްރާންޗުގެ މުވައްޒަފުން އިސްނަގައިގެން، ކުޑަހުވަދޫ ކައުންސިލާ ގުޅިގެން ވަނީ ކުޑަހުވަދޫން ކުނި މަދުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން ކުނީގެ އިންސައްތަ މަދުކޮށް، ރީސައިކަލް ކުރުމުގެ ހަރަކާތްތައް އިތުރުކުރުމުގެ ގޮތުން ރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުގައި ދަޅު ފިއްތާ މެޝިނެއް ވަނީ ބަހައްޓާފައެވެ.

ބީއެމްއެލް އިން އަންނަނީ ސުކޫލުތަކާއި، ކައުންސިލްތަކާއި، ޖަމިއްޔާތަކާ ގުޅިގެން ތައުލީމާއި ތިމާވެށްޓާ ގުޅުން ހުރި ތަފާތު މަޝްރޫއުތައް ހިންގައި، މުޖުތަމައަށް ފައިދާހުރި ދެމެހެއްޓެނިވި އިޖުތިމާއީ އަދި ތިމާވެށީގެ ބަދަލުތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް