"ފަސްކުރި" މަސް ދޯނި
"ފަސްކުރި" މަސް ދޯނި
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗް ކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަތް "ފަސްކުރި" މަސް ދޯނި، އޭގެ ވެރިފަރާތާ ހަވާލުކުރަން ލ. ގަމު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ދޯނީގެ ވެރިފަރާތް، ލ. ގަމު އިދުރީސް ހުސެއިން ލ.ގަމު ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ދޯނީގެ އަގާއި އެމްޓީސީސީ އަށް އިންޖީނުގެ އަގު ދެއްކުމަށް ރިޗްކްލަބް މޯލްޑިވްސް އިން ހިލާފުވެފައިވާ ދުވަހުން ފެށިގެން އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ. އޭގެ އިތުރުން، އިދުރީސަށް ދޯނި ހަވާލުކުރުމާ ހަމައަށް ކުލީގެ ގޮތުގައި އެ އުޅަނދަށް ފައިސާ ދައްކަން ޖެހޭކަން ކަނޑައަޅައިދިނުމަށްވެސް މައްސަލައިގައި އެދިފައިވެއެވެ.

އެކަންތައްތަކަށް ރިއާޔަތްކޮށް، ގަމު މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ، ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިން ވަނަ ފަރާތެއް ތިބުމަކީ އިދުރީސްއަށް އިއާދަނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ. އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން ރިޗް ކްލަބް މޯލްޑިވްސްގެ މައްޗަށް ކޯޓުން އަމުރު ކޮށްފައި ވެއެވެ.

ދޯނީގައި ތިބި މީހުން ވެސް، އިދުރީސްގެ ހުއްދައާއެކު ހަ ގަޑިއިރުގެ ތެރޭގައި އެ މީހުންގެ އަމިއްލަ ތަކެއްޗާއެކު ފައިބަން ވަނީ އަމުރުކޮށްފަ އެވެ. މީގެ ދެ އަހަރު ކުރިން "ފަސްކުރި" ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ، ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށް މައުލޫމާތު ލިބެއެވެ.

ދޯންޏަށް ފައިސާ ނުދައްކާތީ އެ އުޅަނދު އަތުލަން ކަމަށް ބުނެ، ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮއްވައި ކަތިވަޅި އާއި ދަގަނޑު ހިފައިގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބަޔަކު އެ އުޅަނދަށް އެރި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން