ބީއެމްއެލް-
ބީއެމްއެލް-
ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފޮނުވާ ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް ބޭންކުން ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ނިންމުން ނިންމާފައިވަނީ އެމްއެމްއޭ އިން ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތަށް ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ނިންމުމާ ގުޅިގެންނެވެ. އެ ބޭންކުން ބުނީ މި ތިން ހަފްތާގެ ތެރޭގައި ކަސްޓަމަރުން ހުށަހަޅާ ޓީޓީތަކަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު އިތުރުކުރާނީ ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ރިކުއެސްޓްތަކަށް ރިޢާޔަތްކުރުމަށްފަހު ކަމަށެވެ.

ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށް އެކަނިވެސް ބޭންކުން ވަނީ 186 މިލިއަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު މިއީ 12 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ހަތް މަސްދުވަހުގެ ތެރޭގައި ބީއެމްއެލްގެ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ޖުމްލަ 570 މިލިއަން ޑޮލަރު ބޭންކުން ފޯރުކޮށްދީފައިވެއެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި އެ ބޭންކު އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކޮށް ބެލެހެއްޓުން ކަމަށްވެސް އެ ބޭންކުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު