މާލޭގައި ޓެކްސީ ޚިދުމަތް ދޭން އުޅޭ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރ، އައިމިނަތު ވަހީދާގެ ޓެކްސީއަށް ބަޔަކު ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުުހުން ބުނީ މާލެ، ތޮއިބާ މިސްކިތް ކައިރިން އިއްޒުންދީން މަގުގައި ޕާކުކޮށްފައި އޮތް ޓެކްސީއެއްގެ ވިންޑް ސްކްރީން ތަޅާލައި ގެއްލުންދީފައިވާ މައްސަލައެއް ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މިމައްސަލަ މިހާރު ތަހުޤީޤްކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ޓެކްސީ ދުއްވުމުގައި ހަރަކާތްތެރިވާ އައިމިނަތު ވަހީދާގެ ފޭސްބުކްގައި އޭނާ ބުނެފައިވަނީ މިއީ އޭނާ ޓެކްސީ ކުރަން ފެށިފަހުން މިގޮތަށް ބިއްލޫރިތައް ތަޅާލި 5 ވަނަ ފަހަރުކަމަށެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެވުން އެދި އޭނާ ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ.

"ރޭގަ އަޅުގަނޑު މިހާރު ޓެކްސީ ކުރާ ކާރުވަނީ ޑްރަގް ކޯޓް ކުރިމަތީ ޕާކް ކޮށްފަ އޮއްވާ ބިއްލޫރި ތަޅާލާފަ. މީ އަޅުގަނޑު ޓެކްސީ ކުރަން ފެށިފަހުން މިގޮތަށް ބިއްލޫރި ތަޅާލި 5 ވަނަ ފަހަރު..މިހެން މިކަން ވުމުގެ ސަބަބުން އަޅުގަނޑަށް މިވަނީ ބޮޑެތި ގެއްލުން ވެ ކާންބޯން ކުރާ މަސަތްކަތް ހުއްޓިފަ.. މިކަމުގަ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާ އާއްމުރައްޔިތުންގެ އެއްބާރުލުން އަޅުގަނޑަށް ވަރަށް ބޭނުން." އައިމިނަތު ވަހީދާ ބުނެފައިވެއެވެ.

އައިމިނަތު ވަހީދާގެ ޓެކްސީއަށް ބަޔަކު ގެއްލުންދިންފައިވާއިރު، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަން ކުއްވެރިކުރަމުންނެވެ. އަދި މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން