އައްޑޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައި
އައްޑޫގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފައި
އައްޑޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންގެ ތެރެއިން ދޫކޮށްލި އިތުރު މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފިއެވެ.

ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މީހާގެ މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ ބާވަތާ، ޒާތަށާ، މައްސަލައިގެ ވަށައިގެން ހުރި އެންމެހައި ކަންކަމުގެ މައްޗަށް ބަލާއިރު އަދި މި މައްސަލައިގައި އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށް ބަލާއިރު، އޭނާ މައްޗަށް ކުރެވޭ ތުހުމަތު އެ ގޮތުގައި އޮއްވާ އޭނާ ބަންދުން ދޫވުމަކީ މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އެހެންކަމުން އޭނާ ބަންދުން ދޫކޮށްލުމަށް ނެރެފައިވާ އަމުރަށް ބަދަލު ގެނެސް މިއަދުން ފެށިގެން އޭނާ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް ހައިކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި މީހުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނީ މަސްތުވާތަކެތީގެ މި ބޮޑު އޮޕަރޭޝަންގައި 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން