އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު
އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު
މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށައަޅައިފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށައެޅުއްވި އެ ގަރާރަކީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށާއި، އެމަރުކަޒަކީ ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްގީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެންހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރެކެވެ.

އެ ގަރާރުގައި ބުނެފައިވަނީ، މާލެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަކީ އެމައްސަލަތަކުން އެއްކޮށް އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއް ކަަމަށާއި، މާލޭގައި މިއޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުސަތުތަކުގެ މަދުކަމުގެ މައްސަލަތަކުގެ ސަބަބުން ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެވޭނޭ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.

މީގެއިތުރުން ޒުވާނުންނަށް މާލޭގައި އެއްވެ އުޅެވޭނޭ އެފަދަ ހާއްސަ ތަންތަނަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށާއި، ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރީންނާއެކު ހީ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނޭ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލާން ޒުވާނުންނަށް އެއްވެ އުޅެވޭނޭ ތަނެއްގެ މުހިއްމުކަން އިތުރުވެފައިވީ ހިނދު، އަދި ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާޚިލާފު ކުޅަދާނަ ފަންނާނުން އެބަތިބި ކަމަށްވެސް ގަރާރުގައި ބުނެއެވެ.

"މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިއްބެވެ. އެހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނާން ޖެހެއެވެ. ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހުން މުހިއްމެވެ. އެޒުވާނުންގެ ހުނަރު އާލާކޮށް، އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑެވެ." އެ ގަރާރުގައިވެއެވެ.

އެމްޑީޕީގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ އެ ޒުވާނުންގެ މި އާދަޔާހިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމަށެވެ.

އަދި ދިވެހި ލަވައާއި މިއުޒިކްގެ ޝައުޤުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާންޖެހިފައި އޮތް ކަމެއް ކަމަށާއި، ދިވެހީންގެ ސަގާފަތް އަންނާން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްޢޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށްވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އަންނާން އޮތް ޖީލަށް ދިވެހީންގެ ސަފާގަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށްނުދެވުން ބިނާވެފައިވަނީ، މިއަދު ދައުލަތުން ޒުވާނުންނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް މިއަދު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީން ގޮވާލާ އެޕާޓީގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ހުށައެޅި މެނިފެސްޓޯގައި ވެސް، އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދޭނެ ކަމަށް ވިދާޅުވެ "ބިރަކާއި ނުލައި ޒުވާނުންނަށް މަޖާ ކޮށްލެވޭނެ" މަގު ފަހިކޮށްދިނުމަށް ކަނޑައަޅާފައި ވާކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ މި ފަލްސަފާއަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައި ދެކޮޅު ހަދަމުން ގެންދިޔަ އެމްޑީޕީގެ ރިޔާސީ ވަޢުދެކެވެ. އެމްޑީޕީގެ އެ ވަޢުދަށް އެންމެ ބޮޑަށް އޭރު ފާޑުކިޔާ ހަޖޫޖެހި، ދީނީ ޢިލްމުވެރިން އެންމެ ގިނައިން ހިމެނޭ، އަދާލަތު ޕާޓީ މިހާރު ހިމެނެނީ ސަރުކާރު ކޯލިޝަންގެ ތެރޭގައެވެ. ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިހާރު ސަރުކާރު ކޯލިޝަނުން ތަންފީޒު ކުރަމުން ގެންދަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބަލައިގެންފައިވާ މެނިފެސްޓޯގައި ހިމެނޭ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަތޮޅޭ

28-Oct-2020

މާލޭގަ އަދި ރަށްރަށުގަ ރާބޮވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖައްސަން މިއުޅެނީ..



ޓްރެންޑިން