އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
ކަޅުބާޒާރުގައި ޑޮލަރުގެ އަގު 22 ރުފިޔާއަށް އަރާފައި ވީނަމަވެސް، މި ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ އިންތިޒާމުތަކުގެ ތެރެއިން އާންމު ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރަސްމީ ބޭންކު ރޭޓުގައި ޑޮލަރު ލިބެމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙު ވިދާޅުވީ، ނުރަސްމީ ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައިވީ ނަމަވެސް، ވަކިވަކި ފަރުދުންނަށް ސަރުކާރުން ފަހިކޮށްދީފައިވާ ލުއިފަސޭހަތަކުގެ ސަބަބުން ބޭންކު ރޭޓުގައި ޑޮލަރު ހޯދުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އެގޮތުން ޙައްޖާއި ޢުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް 1000 ޑޮލަރު، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ފުރާ މީހުންނަށް 2000 ޑޮލަރު، އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުގެ ހޮޓެލް ބުކިންތަކަށް 1000 ޑޮލަރުގެ މަގުން، އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް ބޭނުންވާ މިންވަރަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ފަލާޙު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައްކަވާފައިވާ އެއް ބިލިއަން ޑޮލަރުގެ ދަރަންޏަކީ އެމްޑީޕީގެ ވެރިކަމުގައި ރައްކާކޮށްފައި ހުރި ފައިސާ ކަމަށް އެ ޕާޓީން ބުނުމަކީ ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށެވެ. އަދި އެފަދަ ޙަޤީޤަތާ ޚިލާފު ވާހަކަތައް ދެއްކުމުން ރައްޔިތުންގެ މަލާމާތް އެ ބޭފުޅުންނަށް ރައްދުވާ ކަމަށްވެސް ވިދާޅުވިއެވެ.

"ހަމަ ހުސް ތޮށިގަނޑާ އަޅުގަނޑުމެންނާ ހަވާލުވީ. މި ބޭފުޅުން ވެރިކަމާ ހަވާލުވިއިރު ސޮވްރެއިން ޑިވެލޮޕްމެންޓު ފަންޑުގައި 200 މިލިއަން ޑޮލަރު ހުންނާނެ. އެކަމަކު ވެރިކަން ނިމިގެން ދިޔައިރު އެ އަދަދު ވަނީ ދެ މިލިއަން ޑޮލަރަށް ދަށްކޮށްލާފައި،" ފަލާޙު ވިދާޅުވިއެވެ.

މީގެއިތުރުން، ޑޮލަރުގެ އަގު ހަމަމަގަށް އެޅުވޭނީ އެމްޑީޕީއަށް ކަމަށް ބުނެ އެ ޕާޓީން ވަކާލާތު ކުރާއިރު، ޑޮލަރުގެ ރަސްމީ ރޭޓު 12.75 ރުފިޔާއިން 15.42 ރުފިޔާއަށް ބޮޑުކުރީވެސް އެމްޑީޕީގެ ވެރިކަމުގައިކަން ފަލާޙު ހަނދާންކޮށްދެއްވިއެވެ. އަދި ޑޮލަރުގެ މުޢާމަލާތްތައް ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓަން ޖެހޭ ކަމަށް ވިދާޅުވި ވެރިން ތިއްބެވީވެސް އެ ޕާޓީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޤައުމުގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން ބަހުސްކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮންޖައްސަވަމުން ފަލާޙު ވިދާޅުވީ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިޔަސް، ޑރ. އަޙްމަދު ޝަމްހީދު ވިޔަސް، އަދި އެމްޑީޕީގެ އެހެން ކެންޑިޑޭޓަކާ އެކު ވިޔަސް ޓީވީ ބަހުސަކަށް ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އެހެންނަމަވެސް، އެފަދަ ބަހުސަކަށް ވަޑައިގަންނަވާނީ އިދިކޮޅު ފަރާތްތަކުގެ ތެރެއިން "ޙަޤީޤަތާ އެއްގޮތަށް ތެދުބަހުން ވާހަކަދައްކަވާ ބޭފުޅަކާ އެކު" ކަމަށްވެސް ފަލާޙު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް