އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ހަމަލާއެއް. ފޮޓޯ: އޭއެފްޕީ
އިސްރާއީލުން ޣައްޒާ ސިޓީއަށް ދިން ހަމަލާއެއް. ފޮޓޯ: އޭއެފްޕީ
ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެކުލަވާލާފައިވާ ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމަށް އެކަށައެޅި "ރޯޑް މެޕް" އަށް އިސްރާއީލުން އިންކާރުކުރުމުން އެކަން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 2803 އިން ބަލައިގަނެފައިވާ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި މި ޕްލޭނަށް އިސްރާއީލުން ދެކޮޅު ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމާ ދެކޮޅަށް އިސްރާއީލުން ނިންމި ނިންމުން ވެސް ރާއްޖެއިން ވަނީ ދޫދިނުމެއް ނެތި ދެކޮޅު ހަދައި ކުށްވެރިކޮށްފައެވެ.

ދިވެހި ސަރުކާރުން ދެކޭގޮތުގައި އިސްރާއީލުގެ މި ނިންމުމަކީ މި ޕްލޭންގެ މަޤްޞަދުތަކާ މުޅިން ޚިލާފު އަދި ހަނގުރާމަ ހުއްޓުވައި، ދެމެހެއްޓެނިވި ޞުލްޙައެއް ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ. މީގެއިތުރުން، ފަލަސްޠީނުގެ ފަރާތުން މި ރޯޑް މެޕް ޤަބޫލުކުރުމާ ހަމައަށް ވާސިލުވުމަށް ސައޫދީ ޢަރަބިއްޔާ، ޤަޠަރު، މިޞްރު، ތުރުކީ އަދި ބައިނަލްއަޤްވާމީ އެހެނިހެން ބައިވެރިން ކުރެއްވި މުހިންމު ޑިޕްލޮމެޓިކް މަސައްކަތްތައް ދިވެހިރާއްޖެއިން ވަނީ ފާހަގަކޮށް، އެ ޤައުމުތަކަށް ޝުކުރު އަދާކޮށްފައެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ އިންސާނީ ބޮޑު ކާރިސާއަށް ލުޔެއް ހޯދައިދީ، ސަލާމަތާއި ރައްކާތެރިކަން އަލުން ޤާއިމުކުރުމަށާއި، ސުންނާފަތިވެފައިވާ ތަންތަން އަލުން އާރާސްތުކުރުމަށްޓަކައި އެއްވެސް ލަސްކުރުމެއްނެތި މި ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމަށް ރާއްޖެއިން ގޮވާލާ ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ ދެމެހެއްޓެނިވި ޞުލްޙައަކަށް މަގުފަހިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި، އެ ރައްޔިތުންނަށް އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤު ހޯދައިދިނުމަށާއި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވޭ، އިރުމަތީ ޤުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދުކުރުން މަތީގައެވެ. ދިވެހި ސަރުކާރުން ވަނީ މި މައްސަލައިގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ޤަރާރުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަލުން ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު