މިދިޔަ އާދީއްތަދުވަހު ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުޤީޤަށް ކޯޓު އަމުރެއްގެ ދަށުން އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދުންފަތުގެ ވިޔަފާރިކުރާ ރޫޓް ފިހާރައިން ބެންކަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް ފޭރުން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އާދީއްތަދުވަހުގެ ހެނދުނު 11:47 ހާއިރުއެވެ.

ފޭރުމުގެ ހާދިސާގެ ސީސީޓީވީ ފުޓޭޖުން ފެންނަގޮތުގައި ދެ ސައިކަލުގައި 4 މީހަކު ގޮސް، ބޭންކް އޮފް ސިލޯން ކުރިމައްޗަށް މަޑުކޮށްލައެވެ. އޭރު ފައިސާ ހިފައިގެން އައި ރޫޓުގެ ވެހިކަލް ވެސް އެތަނަށް މަޑުކުރަނީއެވެ. ބެލެވޭ ގޮތުގައި މި ހަތަރު މީހުން އައީ ފައިސާ ގެނައި ވެހިކަލަށް ފާރަލަމުން އޭގެ ފަހަތުންނެވެ.

ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުން ދެ މީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރު ވިޑިއޯއިން ފެނެ އެވެ. 4.5 މިލިއަނެއްހާ ރުފިޔާ ޖަމާ ކުރަން ބޭންކް އޮފް ސިލޯނަށް ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެން މަސައްކަތް ކުރި ނަމަވެސް އެ ވަގުތު އެތާނގައިތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީން ފޭރެން އުޅުނު މީހުންނަށް ހުރަސް އަޅައި ހިފަހައްޓައި ފައިސާތައް ވަނީ ސަލާމަތްކޮށްފައެވެ.

ހާދިސާ ހިނގި ވީޑިއޯ ފުޓޭޖުން ފެންނަގޮތުން ފޭރެން އުޅުނު މީހުން ރޫޓުގެ މުވައްޒަފުންގެ ލޮލަށް ބޮޑީސްޕްރޭ ކަހަލަ އެއްޗެއް ޖަހައެވެ. ބޭންކުގެ ސެކިއުރިޓީންނާއި ރޫޓުގެ މުވައްޒަފުން އެމީހުން ހުއްޓުވައި ފަހައި ދުވަން ފެށުމުން އެ ހަތަރު މީހުން އަވަސް އަވަހަށް ސައިކަލުތަކަށް އަރައިގެން ބާރު ބާރަށް ދުއްވާފައި ދިޔައީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން