މެންބަރު ޑރ. އަޙުމަދު ޝަމްހީދު
މެންބަރު ޑރ. އަޙުމަދު ޝަމްހީދު
މި ސަރުކާރުގެ މައިގަނޑު އަމާޒަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން ބާރުތައް ދޫކޮށްލަން ޖެހިލުންވެ، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުކޮށް ހުއްޓުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ވެރިކަން ހިންގުމުގެ ބާރުތައް ދޫކޮށްލުމަށާއި ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ތަންފީޒުކުރުމަށް މި ސަރުކާރުން ފަސްޖެހޭ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ކައުންސިލްތަކަށް އަމިއްލައަށް އާމްދަނީ އާއި ފައިދާ ހޯދައިގެން ރަށްރަށުގެ އިޖުތިމާޢީ ތަރައްޤީގެ މަޝްރޫޢުތައް މިނިވަންކަމާއެކު ހިންގަފާނެތީ ސަރުކާރުން ބިރުގަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ކައުންސިލްތަކުން އަމިއްލައަށް އާމްދަނީ ހޯދައިގެން ރަށުގެ އިޖުތިމާޢީ ތަރައްޤީގެ މަސައްކަތްތައް އަމިއްލައަށް ކޮށްފާނެތީ ސަރުކާރުން ޖެހިލުންވާކަން ވަރަށް ސާފު. މި ސަރުކާރުގެ އެންމެ ބޮޑު މަޤްޞަދަކަށް ވެފައި މިއޮތީ ކައުންސިލްތަކަށް ލިބެންހުރި އާމްދަނީގެ ދޮރުތައް ބަންދުކޮށް، އެކަންކަން ހުއްޓުވުން." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ހަމައެއާއެކު ޑރ. ޝަމްހީދު ވިދާޅުވީ، މ. އަތޮޅު ވޭވަށަށް މިލިއަނުން އާމްދަނީ ލިބޭނެ ފަދަ ޓޫރިޒަމް ޕްރޮޑަކްޓްތަކެއް ދެނެގަނެވިފައި ވަނިކޮށް، މި ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު އެ މަސައްކަތްތައް ހުއްޓުވާފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ ވިސްނުމަކީ ހުރިހާ ބާރެއް މަރުކަޒުކޮށް، ކައުންސިލްތަކަށް ލިބޭ އާމްދަނީގެ ވަސީލަތްތައް ހަނިކުރުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެއިތުރުން، އެކި ބޭނުންތަކަށް ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކުރުމާއި ކޮންޓްރެކްޓް ކުރުމުގެ ޤަވާއިދުތައް ބަޔާންކޮށް ހުށަހަޅާފައިވާ ބިލަކީ ވެސް ކައުންސިލްތަކުގެ އަތުން ބާރުތައް އަތުލައި، މަރުކަޒީ ސަރުކާރުގެ ދަށަށް އަލުން އެ ބާރުތައް ގެންދިއުމަށް ހުށަހަޅާފައިވާ ބިލެއް ކަމުގައި ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ހަމައެހެންމެ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުމުގެ ބަދަލުގައި އެ ނިޒާމު ބަލިކަށި ކުރުމަށް ކަމަށާއި، ކައުންސިލްތަކަށް މާލީ ގޮތުން ލިބެންޖެހޭ މިނިވަންކަމާއި ހަމަޖެހުން ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު