މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު
ބިރަކާނުލައި މަޖާކުރަން ނައިޓް ކްލަބްތައް ހެދުމަކީ "އަނެއް" ގްރޫޕްގެ އަމާޒުކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިހެން ވިދާޅުވެފައި މިވަނީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށައަޅުއްވާފައިވަނިކޮށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށައެޅުއްވި އެ ގަރާރަކީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށާއި، އެމަރުކަޒަކީ ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްގީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެންހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ގަރާރެކެވެ.

ނުސީދާ ގޮތެއްގަައި މިކަމަށް އިޝާރަތްކުރައްވާ ޝައިޚް ޒައިދު ވިދާޅުވީ ބިރަކާނުލައި މަޖާކުރާ ނައިޓް ކްލަބްތަކާއި، އަންހެނުން ހެދުން ބާލުވައިގެން ނެއްޓެވުމަކީ "އަނެއް" ގްރޫޕްގެ ބޭފުޅުންގެ އަމާޒުކަމަށެވެ. ނަމަވެސް އެވިދާޅުވާ އަނެއް ގްރޫޕަކީ ސީދާ ކޮބައި ކަމެއް ޒައިދު ވިދާޅެއް ނުވެއެވެ.



ޒައިދުގެ ފާޑުކިޔުން އެމްޑީޕީން ހުށަހެޅި ޤަރާރަށް އަމާޒުވެފައިވާއިރު، އެ ގަރާރުގައި ބުނެފައިވަނީ، މާލެއަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތަކަކީ އެމައްސަލަތަކުން އެއްކޮށް އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަތަކެއް ކަަމަށާއި، މާލޭގައި މިއޮތް ތޮއްޖެހުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، މަގުތަކުގެ ކާރޫބާރު ބޮޑުކަމާއި، ވަޒީފާގެ ފުރުސަތުތައް މަދުވުމުން ނުކުންނަ މައްސަލަތަކުގެ ސަބަބުން ހާސްކަމެއްގެ ތެރޭގައި އުޅޭންޖެހިފައިވާ ކަމަށެވެ. އަދި ސަރުކާރުން ކަންކަމަށް ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހާސްކަމުގެ ތެރޭގައި މިމާލޭގައި އުޅެންޖެހިފައިވާ ޒުވާނުންނަށް ހާސްކަމުން އެކަހެރިވެވޭނޭ ގޮތްތަކެއް ހޯދައިދޭން ޖެހިފައިވާ ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.

"މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިއްބެވެ. އެހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނާން ޖެހެއެވެ. ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހުން މުހިއްމެވެ. އެޒުވާނުންގެ ހުނަރު އާލާކޮށް، އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑެވެ." އެ ގަރާރުގައިވެއެވެ.

އެމްޑީޕީގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ އެ ޒުވާނުންގެ މި އާދަޔާހިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްޢޫލިއްޔަތެއް ކަމަށެވެ.

މީގެއިތުރުން ދިވެހި ލަވައާއި މިއުޒިކްގެ ޝައުޤުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާންޖެހިފައި އޮތް ކަމެއް ކަމަށާއި، ދިވެހީންގެ ސަގާފަތް އަންނާން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްޢޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ޒިންމާއެއް ކަމަށްވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އަންނާން އޮތް ޖީލަށް ދިވެހީންގެ ސަގާފަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށްނުދެވުން ބިނާވެފައިވަނީ، މިއަދު ދައުލަތުން ޒުވާނުންނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށްވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް މިއަދު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީން ގޮވާލާ އެޕާޓީގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ހުށައެޅި މެނިފެސްޓޯގައި ވެސް، އެމްޑީޕީގެ ވެރިކަމެއްގައި މިފަދަ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދޭނެ ކަމަށް ވިދާޅުވެ "ބިރަކާއި ނުލައި ޒުވާނުންނަށް މަޖާ ކޮށްލެވޭނެ" މަގު ފަހިކޮށްދިނުމަށް ކަނޑައަޅާފައި ވާކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ މި ފަލްސަފާއަކީ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައި ދެކޮޅު ހަދަމުން ގެންދިޔަ އެމްޑީޕީގެ ރިޔާސީ ވަޢުދެކެވެ. އެމްޑީޕީގެ އެ ވަޢުދަށް އެންމެ ބޮޑަށް އޭރު ފާޑުކިޔާ ހަޖޫޖެހި، ދީނީ ޢިލްމުވެރިން އެންމެ ގިނައިން ހިމެނޭ، އަދާލަތު ޕާޓީ މިހާރު ހިމެނެނީ ސަރުކާރު ކޯލިޝަންގެ ތެރޭގައެވެ. ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިހާރު ސަރުކާރު ކޯލިޝަނުން ތަންފީޒު ކުރަމުން ގެންދަނީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބަލައިގެންފައިވާ މެނިފެސްޓޯގައި ހިމެނޭ ކަންކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން