ކްރިމިނަކް ކޯޓު-
ކްރިމިނަކް ކޯޓު-
މާލޭގެ މަގުމަތީގައި ބިދޭސީންތަކަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ފިރިހެނަކު 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ބަންދުގެ މުއްދަތު ޖަހާފައިވަނީ މާލެއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ހަފުތާގެ ހޯމަ ދުވަހު މާލޭގެ މަގުމަތީގައި ބަޔަކަށް ހަމަލާދީ، ގައިގައި ތަޅައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މީހާއަކީ މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރެވިފައިވާ، ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އަދި އޭނާ މި ފަހަރު މާރާމާރީ ހިންގާފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކަކާ މެދުގައެވެ. އޭނާގެ މައްޗަށް މާރާމާރީގެ ކުށް ސާބިތުކުރުމަށް ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ފުލުހުން ތައްޔާރުކޮށްފައިވާ އިންސިޑެންޓް ރިޕޯޓާއި، މި ހާދިސާގައި އަނިޔާ ލިބުނު ތިން ބިދޭސީންގެ ބަޔާން ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓުގެ އަޑުއެހުމުގައި، ތުހުމަތު ކުރެވޭ މީހާ ވަނީ އޭނާގެ މައްޗަށް ކުރެވޭ މާރާމާރީ ހިންގުމުގެ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ނަމަވެސް، އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެކިތަކަށާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާއިރު، އޭނާ މުޖުތަމައުއަށް ދޫކޮށްލައިފިނަމަ އާންމު ރައްޔިތުންނާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ، އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ ނިންމާފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު