އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދައްކަމުންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދައްކަމުންދާ ވާޙަކަތަކާއި ޓެރަރިޒަމާއި އިސްލާމްދީނާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފައި މިވަނީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އިސްލާމްދީނާމެދު ނަފްރަތު އުފެދޭގޮތަށް ވާހަކަތަކެއް ދައްކާފައިވާ ދަނޑިވަޅެއްގައެވެ. އަދި އިސްލާމީ ގިނަޤައުމުތަކަކުންވެސް ދަނީ އެކަމުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނުގައި ވަނީ އިސްލާމްދީނާއި ކީރިތި ރަސޫލާއާއި ދެކޮޅަށް ދައްކަމުންގެންދާ ވާހަކަތަކަކީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއަށް ފެތޭކަމެއް ނޫންކަމަށް ބުނެފައެވެ. އަދި އިސްލާމްދީނަކީ އަބަދުވެސް ހަމަޖެހުމާއި ސުލްހައަށް މަސައްކަތްކުރާ ދީނެއްކަން ފާހަގަކުރައްވައި ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ހުދޫދުގެ ތެރެއިން އިންސާނީ ހައްގުތަކާއި ޚިޔާލުފާޅުކުރުމުގެ ހައްގުތައް ފޯރުކޮށްދީ އެކަން ކަށަވަރުކޮށްދިނުމުގައިކަމަށެވެ.

އިންސާނީ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ރާއްޖެއިން ތާއީދުކުރިނަމަވެސް ހުރިހާ ވައްތަރެއްގެ ހައްދުފަހަނައަޅައި ދިއުމަކީ ރާއްޖެއިން އަބަދުވެސް ކުށްވެރިކޮށް ދެކޮޅު ހަދާނެކަމެއްކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިސްލާމްދީނާމެދު ނަފްރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތައް ސަރުކާރުން ކުށްވެރިކޮށްފައިވާއިރު، ފްރާންސްގެ ޓީޗަރަކު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކާޓޫނެއް ކުރެހުމަކީ މީޑިއާގެ މިނިވަންކަން ކަމުގައި ބުނެ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ވަނީ ހޫނުވެފައެެވެ. އެގޮތަށް ވާހަކަދެއްކި ޓީޗަރަށް މީހަކު ހަމަލާދީ އޭނާ މަރާލައިފައިވާތީ ފްރާންސުން ވަނީ އޭނާއަށް އެގައުމުގައި ދޭ އެންމެ މަތީ ޝަރަފް ދީފައެވެ. އަދި ފްރާންސްގެ ރައީސް ވަނީ ކާޓޫން ކުރެހުމަކީ އިންސާނީ ހައްގެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކަޓްކުރުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން