ކެންސަރު ބަލި
ކެންސަރު ބަލި
ކެންސަރު ބައްޔަށް ދެވޭ ފަރުވާ މުޅިން ބަދަލުކޮށްލާނެ ފަދަ އާ އެމް.އާރު.އެން.އޭ ވެކްސިނެއް މާކް އެންޑް ކޯ އަދި މޮޑާނާ ކުންފުނި ގުޅިގެން އީޖާދުކޮށްފިއެވެ.

ހަމުގެ ކެންސަރު ނުވަތަ މެލަނޯމާ އަލުން އެނބުރި އައުމާއި ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރުން ބޮޑުތަނުން ކުޑަކޮށްދޭ މި ވެކްސިނަކީ ކޮންމެ ބަލިމީހެއްގެ ހަށިގަނޑުގައި ހުންނަ ކެންސަރު ސެލްތަކުގެ މިއުޓޭޝަންތަކަށް ވަކިން ހާއްސަކޮށްގެން ތައްޔާރުކުރެވޭ އަމިއްލަ ފަރުވާއެކެވެ.

ދުޅަހެޔޮ ސެލްތައް މަރާލާ ކީމޯތެރަޕީއާ ހިލާފަށް، މި ވެކްސިނުން ދިފާއީ ނިޒާމު ތަމްރީނުކޮށްދެނީ ހަމައެކަނި ކެންސަރު ސެލްތަކަށް އަމާޒުކޮށް ހަމަލާދިނުމަށެވެ.

މެލަނޯމާ ބަލީގެ 1,000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރިއަށްދިޔަ ބޮޑު ތަހުލީލަކުން ދައްކާ ގޮތުގައި، އޮޕަރޭޝަން ކޮށްގެން ޓިއުމަރު ނެގުމަށްފަހު ބަލި އަލުން އެނބުރި އައުމުގެ ފުރުސަތު ބޮޑު މީހުންނަށް މި ފަރުވާ ދިނުމުން ބަލި އެނބުރި އައުމުގެ ފުރުސަތު ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދެއެވެ.

"އިންޓިސްމެރަން އޮޓޯޖީން" ގެ ނަމުން ނަންދެވިފައިވާ މި ފަރުވާގައި ހިމެނެނީ ކީޓްރޫޑާ އިމިއުނޯތެރަޕީ ބޭހުގެ 9 ޑޯޒާއި، ބަލިމީހާއަށް ހާއްސަކޮށް ތައްޔާރުކުރާ އެމްއާރުއެންއޭ ވެކްސިނުގެ 9 ޑޯޒެވެ. ސިއްހީ މާހިރުން ސިފަކުރައްވާ ގޮތުގައި މިއީ ކެންސަރު ފަރުވާގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ކާމިޔާބީއާއެކު، ފުއްޕާމޭގެ ކެންސަރާއި، މަސާނާ، ކިޑްނީ، ޕެންކްރިއޭޓިކް އަދި ބަނޑުގެ ކެންސަރަށް އަމާޒުކޮށްގެންވެސް ދަނީ ތަހުލީލުތައް ކުރަމުންނެވެ.

މީގެ އިތުރުން ރޯޝް އަދި ބަޔޯއެންޓެކް ކުންފުނިންވެސް ގޮހޮރުގެ ކެންސަރާއި ޕެންކްރިއޭޓިކް ކެންސަރަށް އަމާޒުކޮށް 'އޮޓޯޖީން ސެވިއުމަރަން' ތަހުލީލު ކުރަމުންދާއިރު، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި މި ދިރާސާތަކުގެ ނަތީޖާ ލިބި، ކެންސަރުގެ ފަރުވާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު