އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރުވެސް ބައިވެރިވެވަޑައިގަތެވެ.



ސެކްރެޓަރީ ޕޮމްޕެއޯ ރާއްޖެއަށް ޒިޔާރަތްކުރައްވާފައި މި ވަނީ، އޭޝިޔާގެ ބައެއް ޤައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރާތުގެ ދަށުންނެވެ. މިއީ، 1992 ވަނަ އަހަރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ޒިޔާރާތަށް ފަހު، އެ ޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ރާއްޖެއަށް ޒިޔާރަތްކުރައްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު މިހާރު ވެސް އޮތް ބަދަހި ގުޅުންތައް، އިތުރުށް ހަރުދަނާވަމުންދާކަން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ.

ސެކްރެޓަރީ ޕޮމްޕެއޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވުމަށްފަހު އެ މަނިކުފާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. ހަމަ މިއާއެކު، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމުކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ސެކްރެޓަރީ ޕޮމްޕެއޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާއިން ރާއްޖެއާ ދެމެދު ބާއްވާ ގާތްކަން ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި، މި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ދެއްވާ ޕްރެސް ސްޓޭޓްމަންޓެއް މިއަދު ހަވީރު 4 ޖަހާއިރު ދައުލަތުގެ މީޑިއާއިން ވަގުތުން ގެނެސްދޭނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން