ރައީސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އާއި ބައްދަލުކުރައްވަނީ
ރައީސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އާއި ބައްދަލުކުރައްވަނީ
ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމުކުރުމާ ގުޅޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް އާރް. ޕޮމްޕެއޯ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއެކު މަޝްވަރާކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި އެމެރިކާގެ ސެކްރެޓަރީ ޕޮމްޕެއޯ ރައީސް އިބްރާހިމް އާއި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މީގެ އިތުރުން، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމުކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެމެރިކާއަކީ ދުނިޔޭގައި އެންމެ ގިނަ އެމްބަސީތައް ގާއިމްކޮށްފައިވާ އެއް ގައުމެވެ. މިގޮތުން އެމެރިކާގެ އެމްބަސީތައް 169 ގައުމެއްގައި ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ބާރުގަދަ އެއް ގައުމުކަމަށްވާ އެމެރިކާގެ އެމްބަސީއެއް ދިވެހި ރާއްޖޭގައި ގާއިމްކުރެވިއްޖެނަމަ ދިވެހިންނަށް ވިސާ ހޯދުމަށާއި، އެމެރިކާ ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، އެމްބަސީގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމެރިކާގެ އެމްބަސީގެ ބައެއް ހިދުމަތްތައް ރާއްޖޭގައި ގާއިމު ކުރެވިފައިވާ އެމެރިކަން ސެންޓަރުން ލިބިގެންދިޔަ ނަމަވެސް، އެމެރިކާގެ އެމްބަސީގެ ގިނަ ހިދުމަތްތައް ހޯދުމަށް ދާންޖެހެނީ އަވަށްޓެރި ސްރީލަންކާ ނުވަތަ އިންޑިޔާއަށެވެ.

ސެކްރެޓަރީ ޕޮމްޕެއޯއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާއިން ރާއްޖެއާ ދެމެދު ބާއްވާ ގާތްކަން ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި، މި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން