އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ  ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްވި ޖޮއިންޓް ސްޓޭމަންޓްތެރެއިން
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ދެއްވި ޖޮއިންޓް ސްޓޭމަންޓްތެރެއިން
ރާއްޖެއިން ބައިނަލްއަޤްވާމީ މަައިދާނުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންދާކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިހެން ވިދާޅުވީ ރާއްޖެއާއި އެމެރިކާއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭގޮތުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު، ދެ ޤައުމުން ގުޅިގެން ދެއްވި ޖޮއިންޓް ސްޓޭޓްމަންޓްގައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވީ ސަރުކާރާއެކު ކުރި މަޝްވަރާތަކުގައި އިޤްތިޞާދީ ކުރިއެރުމާއި، ކައުންޓަރ ޓެރަރިޒަމް ފަދަ ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނުކަމަށެވެ.

ރާއްޖެއަކީ އިންޑޯ ޕެސިފިކް އޭޝިއާ ސަރަޙައްދުގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވާ މައިކް ޕޮމްޕެއޯ ވިދާޅުވީ، ރާއްޖެއިން ބައިނަލްއަޤްވާމީ މަައިދާނުގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންދާކަމަށެވެ. އަދި އެމެރިކާއިން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ކުރިއެރުމަށް އަބަދުވެސް އެހީތެރިވެދޭނެކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ.

އެމެރިކާއިން ރާއްޖެއަށް އެކި ގޮތްގޮތުން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވާ، ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް މައިކް ޕޮމްޕެއޯ ވިދާޅުވިއެވެ.

"ރާއްޖެއާއި އެމެރިކާއާދެމެދު އޮތް އެކުވެރިކަމާއި ގުޅުމުގެ އަގު އަބަދުވެސް ވަޒަން ކުރާނަން. މީގެކުރިން މަސައްކަތް ނުކުރާހާ ގާތްކޮށް މިހާރު މަސައްކަތް ކުރަން ބޭނުންވޭ." ޕޮމްޕެއޯ ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ކޯވިޑް-19ގެ މި އުނދަގޫ ޙާލަތުގައިވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ ދެ ޤައުމުގެ ގުޅުމަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެއް ކަމަށެވެ. އަދި ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކަށް މާލީގޮތުންނާއި ފަންނީގޮތުން އެމެރިކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ޝާހިދު ވަނީ ފާހަގަކުރަައްވާފައެވެ.

ޝާހިދު ވިދާޅުވީ، ދަތުރުފަތުރާއި، ކައުންޓަރ ޓެރަރިޒަމާއި، ސަލާމަތީ ޚިދުމަތުގެ ދާއިރާ ފަދަ ދާއިރާތައް ކުރިއެރުވުމަށް ރާއްޖެއިން އެމެރިކާއާކު މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ޤާއިމުވެގެންދިއުމަކީ، ވިޔަފާރިއާއި އިޤްތިޞާދީގޮތުން ދެ ޤައުމުގެ ދެމެދު ހިންގޭ މުޢާމަލާތްތައް މިހާރަށްވުރެ އިތުރުކުރުމަށް ހުޅުވިގެންދާ ދޮރެއްކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

"އެމެރިކާގެ ދާއިމީ އެމްބަސީއެއް ހުޅުވުމަށް ނިންމުމަކީ ދެ ޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ބަދަހިކަމެއް އަންނާނެކަމެއް. އަދި އެއީ އެމެރިކާގެ މިއަދުގެ ސަރުކާރުން ދިވެހިރާއްޖެއާއި ދޭތެރޭ ދެކެވަޑައިގަންނަވާގޮތް ވަރަށް ފުރިހަމައަށް އެނގިގެންދިޔަކަމެއް." ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިހާރުވަނީ ފުރާވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ސާބަސް

29-Oct-2020

އެމެރިކާގެ ދާއިމީ އެމްބަސީއެއް ރާއްޖޭގައި ހުންނަ ނަމަ މިހާރުވެސް ދެ ޤައުމުގެ ގުޅުމަށް ވަރަށް ބޮޑު ބަދަހިކަމެއް އަންނާނެކަމެއް.


-2

ދިރުހަމް

29-Oct-2020

ޕިންކް ބައިގަނޑަށް ހަޖަމެއް ނުވާނެ. ޢެހެންވީމާ ކިޔޭ ތިޒާތްޒާތުގެ ވާހަކަ.


1

ކިނބޫ

29-Oct-2020

އަސްލުވެސް. ގައުމު ހަފުސްކޮށް ވިއްކާ ހުސް ކޮށްފި. މިއިން ޒަމާނަކު މި ގައުމުގެ ވެރިއަކަށް ނުކުރެވުނު މިކަމެއް.



ޓްރެންޑިން